ޚަބަރު

70،000 ދަރިވަރުންނާއެކު ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ތައްޔާރުވެއްޖެ


73،035 ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވެއްޖެެއެވެ. މި އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އާދިއްތަ ދުވަހުއެެވެ.

ދިރާސީ އައު އަހަރަށް ދަރިވަރުން ކުރިމަތިލާއިރު، ކިޔެވުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެއްސުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދުރާލާ ވަނީ ކުރަން ފަށާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން ވަނީ ދުރާލާ ފަށާފައެވެ. މުދައްރިސުން ހޯދުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހި މުދައްރިސުންނަށެވެ.

ތަޢުލީމީ ދާއިރާއިން ރާއްޖެ ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. މިސަރަހައްދުގެ ޤައުމުތަކަށް ބަލާލާއިރުވެސް ރާއްޖެމިވަނީ ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިއަހަރުގެ ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި އެލްކެޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73،035 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާނެއެވެ.

އާ ދިރާސީ އަހަރާއިއެކު ސްކޫލްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ އަދަދަކީ 9،800 އެވެ. މީގެތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 7،900 އެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި 1،900 މުދައްރިސުން ރާއްޖޭގެ ސްކޫލްތަކުގެ މި ފެށޭ ދިރާސީ އާ އަހަރު ކިޔަވާދޭނެއެވެ.

މި ފެށޭ ދިރާސީ އަހަރު ރާއްޖޭގެ 212 ސްކޫލެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު 185 ސްކޫލެއްގައި އޯލެވްލް ފެންވަރަށް ކިޔަވާދޭނެއެވެ. އަދި އޭލެވްލަށް 50 ސްކޫލެއްގައި ކިޔަވާދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ރާއްޖޭގައި މިހާތަނަށް އިމާރާތްކުރި އެންމެ ބޮޑު ސްކޫލް ހުރަވީ ސްކޫލްގެ ކިޔެވުންވެސް އަންނަ ދިރާސީ އަހަރާއި އެކު ފެށޭނެއެވެ. އަދި ޕްރީ ސްކޫލް ފެންވަރަށް 317 ސްކޫލެއްގައި މި އަހަރު ކިޔަވައިދޭނެއެވެ.

މި ފެށޭ ދިރާސީ އަހަރުގައި ޖުމްލަ 200 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމިސްޓަރ ނުވަތަ ފުރަތަމް ޓާރމް ނިމި ކިޔެވުން ބަންދުވާނީ މެއި މަހުގެ 30 ވަނަދުވަހުއެވެ. އަދި ދެވަނަ ޓާރމްގެ ކިޔެވުން ފެށޭނީ ޖޫން މަހުގެ 9 ވަނަދުވަހުއެވެ. އަދި މިއަހަރުގެ ދީރާސީ އަހަރު ނިންމާލުމަށްފަހު ސްކޫލްތައް ބަންދުވާނީ ނޮވެމްބަރު މަހުގެ 24 ވަނަދުވަހުއެވެ. 2020 ވަނަ އަހަރު ދިރާސީ އައު އަހަރު ފެށޭނީ 12 ޖަނަވަރީގައެވެ.

ދިރާސީ އާ އަހަރަށް ދަރިވަރުންނާއި ބެލެނިވެރިން ތައްޔާރުވަމުންދާއިރު ސްކޫލްތަކުންވެސް ދަނީ އާއަހަރަށް ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނިލުބުމުގެ ޝަކުވާތައް ބައެއް ބެލެނިވެރިން އަންނަނީ ކުރަމުންނެވެ. ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތައް 13 ދުވަހު ދޫކުރުމަށް ހަމެޖެހިފައިވާކަމަށް އެޑިުއކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެކްޓިވިޓީ ޔުނީފޯމްތައްވެސް ސްކޫލް ހުޅުވުމުން ލިބޭނެކަމަށް ސްކޫލްތަކުން ބުނެއެވެ.