ވިޔަފާރި

އެތެރޭގެ އުދުހުންތަކުގެ އަގަށް ގެނައި ބަދަލާ އެއްގޮތަށް ޓިކެޓް ވިއްކަން ފަށައިފި


ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށްފަހު، އެބަދަލާ އެއްގޮތަށް މިއަދު ޓިކެޓް ވިއްކަން ފަށައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިދިޔަ ހަފްތާގައި އެތެރޭގެ އުދުހުންތަކުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ކުޑަކޮށްފައިވާއިރު މިއަދުން ފެށިގެން ޓިކެޓް ވިއްކާނީ އެ އަގުތަކަށްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ޓިކެޓަށް ގެނައި ބަދަލުތަކާއެކު 3500 ރުފިޔާއަށް ލިބެންހުރި އައްޑޫ ސިޓީ ދެކޮޅު ޓިކެޓް މިހާރު 2600 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަދަދަކަށް ލިބޭނެއެވެ. މާލެއިން ހަނިމާދޫއަށް އަދި ހަނިމާދޫއިން މާލެއަށް ދެކޮޅު ޓިކެޓުގެ އަގު 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު ހުރިއިރު ކުރިން މި ޓިކެޓްގެ އަގު އުޅެނީ 2446 ރުފިޔާއަށެވެ.

މާލެއާއި އިފުރަށް އަދި އިފުރުން މާލެއަށް ދެކޮޅު ޓިކެޓް 1500 ރުފިޔާއާއި 2056 ރުފިޔާއާއި ދެމެދެ ހުރިއިރު ކުރިން މި އަގުތައް އުޅެނީ 2432 ރުފިޔާއަށެވެ. މާލެއިން ދަރަވަންދުއަށް އަދި ދަރަވަންދޫއިން މާލެއަށް ދެކޮޅު ޓިކެޓުގެ އަގު 1098 ރުފިޔާއާއި 1562 ރުފިޔާއާއި ދެމެދު ހުރިއިރު ކުރިން މި އަގު އުޅެނީ 1918 ރުފިޔާގައެވެ.

މާލެއިން ކުޑަހުވަދޫއަށް އަދި ކުޑަހުވަދޫއިން މާލެއަށް ކުރިން ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 2665 ރުފިޔާއަށެވެ. އެހެންނަމަވެސް މިހާރު މިއަގު ވަނީ 1500 ރުފިޔާއާއި 2056 ރުފިޔާއާއި ދެމެދުގެ އަގަކަށް ބަދަލުކޮށްފައެވެ. މާލެއިން ތިމަރަފުށްޓަށް އަދި ތިމަރަފުށިން މާލެއަށް 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދުގެ އަގެއް ކަނޑައަޅާފައިވާއިރު ކުރިން ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 2446 ރުފިޔާއަށެވެ.

މާލެއިން ކައްދުއަށް އަދި ކައްދުއިން މާލެއަށް 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދުގެ އަގެއް ކަނޑައަޅާފައިވާއިރު ކުރިން މި އަގު އުޅެނީ 2777 ރުފިޔާގައެވެ. މާލެއިން ކޫއްޑުއަށް އަދި ކޫއްޑުއިން މާލެއަށް ކުރިން ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 3088 ރުފިޔާއަށެވެ. މިހާރު މިއަގު ވަނީ 1652 އާއި 2442 ރުފިޔާއާއި ދެމެދަށް ކަނޑައަޅާފައެވެ.

މާލެއިން ކާޑެއްދުއަށް އަދި ކާޑެއްދުއިން މާލެއަށް 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދުގެ އަގެއް ކަނޑައަޅާފައިވާއިރު ކުރިން ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 2998 ރުފިޔާއަށެވެ. މާލެއިން ފުވައްމުލަކަށް އަދި ފުވައްމުލަކުން މާލެއަށް 1698 ރުފިޔާއާއި 2598 ރުފިޔާއާއި ދެމެދުގެ އަގެއް ކަނޑައަޅާފައިވާއިރު ކުރިން ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 2618 ރުފިޔާއަށެވެ.

މީގެއިތުރުން މާލެއިން ގަމަށް އަދި ގަމުން މާލެއަށް ދެކޮޅު ޓިކެޓުގެ އަގު ވަނީ 1698 ރުފިޔާއާއި 2666 ރުފިޔާއާއި ދެމެދަށް ހަމަޖައްސާފައިވާއެވެ. ކުރިން ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 3520 ރުފިޔާގައެވެ. އެތެރޭގެ އުދުހުންތަކުގެ އަގުކުޑަކޮށްފައިވާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.