ކުޅިވަރު

ސްޕެއިންގެ ޓީއެންޖީއެސް އެކަޑަމީއިން އިން އައްޑޫގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ޓްރެއިނިން ކޭމްޕް ނިންމާލައިފި


ޓީއެންޖީއެސް އެކަޑަމީއިން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ޓްރެއިނިން ކޭމްޕުގެ އެންމެ މޮޅު ދެ ކުޅުންތެރިންނާއި ކޯޗަށް ސްޕެއިންގެ ވެލެންސިޔާއަށް ދިޔުމުގެ ފުރުސަތުދީފިއެވެ. މި ކޭމްޕް ނިމުނުގެ ރަސްމިއްޔާތުގައި ވަނީ މި ކޭމްޕްގެ އެންމެ މޮޅު ދެ ކުޅުންތެރިންނާއި ކޯޗް ހޮވާ 10 ދުވަހުގެ ތަޖްރިބާ ދަތުރެއް ވެލެންސިޔާގެ ޓީއެންޖީއެސް އެކަޑަމީގައި ހޭދަ ކުރުމުގެ ފުރުސަތު ދީފައެވެ.
ސްޕެއިނުގެ މަޝްހޫރު ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އެކަޑަމީއިން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ޓްރެއިނިން ކޭމްޕް ކުރިއަށްދިޔައީ 6 ދުވަހުގެ މުއްދަ ތަށެވެ. މި ކޭމްޕުގެ އެންމެ މޮޅު ދެ ކުޅުންތެރިންނަށް ހޮވުނީ ހަސަން ލައުހް އާއި އަހްމަދު ޒައުލް ނާޒިމްއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަހުމަދު ހަބީބްއެވެ.
މި ޓްރެއިނިންގ ކޭމްޕްގެ މައިގަނޑު މަގްޞަދަކީ އައްޑޫގައި ތިބި ޒުވާން ހުނަރުވެރި ކުދިންނަށް ފުރުސަތުދީ ކުޅިވަރުގެ ރޮނގުން ކުރިއަށް ދިޔުމަށްޓަކައި އެކުޅުންތެރިންނަށް ބޭނުންވާ ތަމްރީނުތަށް ހޯދައިދިނުމެވެ.

2 އުމުރުފުރައަށް ބަހާލެވިގެން ކުރިއަށްގެންދިޔަ މި ކޭޕްގައި އައްޑޫގެ ހުރިހާ ރަށަކުން 56 ކުޅުންތެރިންނާއި 15 ކޯޗުން ބައިވެރިވިއެވެ.
ސްޕެއިނުގެ ޓީއެންޖީއެސް އެކެޑެމީއަކީ ކުޅުންތެރިން ކުރިއެރުމަށް ވަރަށްބޮޑެތި މަސައްކަތް ކުރަމުން އަންނަ އެކަޑަމީއެކެވެ. އެގޮތުން މިހާރުވެސް ވެލެންސިއާ އެކެޑެމީގައި މާލެގައި ކުޅުންތެރިއެއް ތަމްރީން ހަދަމުންނެވެ. ޓީއެންޖީއެސް އަކީ ސްޕެނިޝް ލީގުގެ ކްލަބްތައް ކަމަށްވާ ވެލެންސިއާ އާއި ލެވަންޓޭ ފަދަ ކްލަބްތަކާ އެކު މަސައްކަތްކުރަމުން އަންނަ އެކަޑަމީއެކެވެ. އަދި ވެލެންސިއާގެ ޔުނިވާސިޓީ އޮފް ޕޮލިޓެކްނިކުގައި އެ އެކަޑަމީގެ ފުޓްބޯލް ރިސާޗް ސެންޓަރެއްވެސްވަނީ ގާއިމްކޮށްފައެވެ.