ކުޅިވަރު

ކްލަބްގައި މަޑުކުރަން ބޭނުން ނުވާ ކުޅުންތެރިން ދިޔަސް ހެޔޮ - ގާޑިއޯލާ


މެންޗެސްޓަރ ސިޓީގައި މަޑުކުރަން ބޭނުން ނުވާ ކުޅުންތެރިން ކްލަބްގައި ބަހައްޓަން ބޭނުންނެތްކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ގާޑިއޯލާ މިހެން ބުނީ ބްރަހިމް ޑިއާޒް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުންނެވެ.
19 އަހަރުގެ ޑިއާޒް ރެއާލްއަށް ބަދަލު ވުމަށްފަހު ބުނެފައިވަނީ ރެއާލްއަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް ކަމަށާއި ރެއާލްގައި ހުރުމަކީ ލިބޭ އުފަލެއްކަމަށެވެ. ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ސިޓީގައި ބަހައްޓަން ބޭނުމީ ސިޓީގައި މަޑުކޮށް ކްލަބުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ޓީމާއެކު ހާސިލުކުރަން ބޭނުންވާ ކުޅުންތެރިން ކަމަށެވެ. އެ ކުޅުންތެރިންނަށް އަބަދުވެސް ކްލަބުން ޖާގަ އޮންނާނެ ކަމަށާއި، ކްލަބުގައި އެ ކުޅުންތެރިން ބަހައްޓާނެ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޑިއާޒް ދިޔުމުން މާޔޫސް ނުވާ ކަމަށެވެ. ނަމަވެސް ޑިއާޒްއަކީވެސް ކްލަބުން ފުރުސަތު އޮތް، ކްލަބަށް މުހިންމުވި ކުޅުންތެރިއެއް ކަމަށާއި އަދި ކުރިއަށް އޮތްތާގައި ޑިއާޒްއަށް ކާމިޔާބަށްއެދޭ ކަމަށެވެ، ގާޑިއޯލާ ބުނީ ޒުވާން ކުޅުންތެރިންނަށް ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް ބައެއް ކުޅުންތެރިންނަށް ކެތްތެރިކަމާއެކު މަޑުކުރަން ނޭނގޭކަން ގާޑިއޯލާ ފާހަގަކުރިއެވެ.
ރިޕޯޓްތައް ބުނާގޮތުން، ހަ އަހަރާ ހަ މަސް ދުވަހުގެ މުއްދަތަކަށް، ޑިއާޒް ރެއާލްއަށް ބަދަލުވީ އެކާވީސް މިލިއަން ޔޫރޯއަށެވެ. ޒުވާން ކުޅުންތެރިން ކްލަބް ދޫކޮށް ދާ އަދަދު ގިނަވުމުން ސިޓީއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ،