ވިޔަފާރި

ބީސީސީއައިއަށް ޖަމާކޮށްފައިވާ ފައިސާ ނަގަން ފަހު ފުރުޞަތު ދީފި


މީގެ އެތައް އަހަރެއްކުރިން ބަންދުކޮށްފައިވާ ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް، ބީ.ސީ.ސީ.އައިގެ މާލޭ ގޮފީގައި ހުރި ފައިސާގެ ތެރެއިން ވެރިފަރާތްތަކުން ނަގާފައިނުވާ ފައިސާ ނެގުމަށް އެމްއެމްއޭއިން ފަހު ފުރުޞަތު ދީފިއެވެ.

އެމްއެމްއޭއިން ބުނީ ބަންދުކޮށްފައިވާ ބީ.ސީ.ސީ.އައިގެ މާލޭ ގޮފީގައި ފައިސާ ބަހައްޓާފައިވާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާ 1998 ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން ދޫކުރަމުންދާކަމަށެވެ. ނަމަވެސް ފައިސާ ނެގުމަށް ތަކުރާރުކޮށް އިއުލާންކުރުމުންވެސް ބައެއް ފަރާތްތަކުން އަދިވެސް ފައިސާ ނަގާފައިނުވާކަމަށް އެމްއެމްއޭއިން ބުނެއެވެ. އެހެންކަމުން ބީސީސީއައި އަށް ފައިސާ ޖަމާކޮށްފައިވާ ޑިޕޮސިޓަރުންގެ ތެރެއިން މިހާތަނަށް ފައިސާ ނަގާފައިނުވާ ފަރާތްތަކުން، އަންނަ މާޗުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ފައިސާ ނެގުމަށް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ. އަދި 31 މާޗުގެ ފަހުން، ފައިސާ ދޫރުން ހުއްޓާލުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ފައިސާ ދޫކުރާނީ އެކަމަށް ހާއްސަކޮށްގެން އެމްއެމްއޭއިން ދޫކުރާ "ބީ.ސީ.ސީ.އައި. އެކައުންޓު ކްލެއިމް ފޯމް" ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުންކަމަށް އެމްއެމްްއޭއިން ބުނެއެވެ.

ބީސީސީއައި އަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ޕާކިސްތާނުގެ ވިޔަފާރިވެރިޔަކު އުފެއްދި ބެންކެކެވެ. ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމުގައި އެބެންކުގެ 400 އަށްވުރެ ގިނަ ގޮފިތައް ހުޅުވާފައި ހުއްޓެވެ. ނަމަވެސް ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީގެ ކޮޅު ބެންކު ބަންގުރޫޓުވީ ޤާނޫނާއި ޚިލާފު އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި ބެންކަށް ކުރިމަތިވި މައްސަލަތަކެއްގައެވެ.