ޚަބަރު

މޫދު ކަސްރަތުން އުފާވެރިކަން - އިނގުރައިދޫ ރައްޔިތުން ހެއްވާލައިފި.


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހިންގާ މޫދު ކަސްރަސަތުން – އުފާވެރިކަން މި ޕްރޮގްރާމް ރ.އިނގުރައިދޫގައި ފެށިގެން ކުރިއަށްދާއިރު، މިޕްރޮގްރާމް ވެގެން ގޮސްފައިވަނީ ރަށުގެ ރަށްޔިތުންނަށް އުފާވެރިކަން ގެނެސްދިން ޕްރޮގްރާމަކަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ގިނަބަޔަކު ބައިވެރިވި ޕްރޮގްރާމް ކަމަށް އެމްއެންޑީއެފުން ބުނޭ. މި ޕްރޮގްރާމް ހިންގާފައިވަނީ އެމްއެންޑީއެފާއި އިނގުރައިދޫ ކައުންސިލް ގުޅިގެނެވެ.

ރ. އިނގުރައިދޫގައި މިހާރު ކުރިއަށްދާ މޫދު ކަސްރަތު ޕްރޮގްރާމަކީ، ދިވެހި އަސްކަރިއްޔާގެ ފަރާތުން ކުރިއަށްގެންދާ މޫދު ކަސްރަތުން އުފާވެރިކަން މިސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެވެ. އެގޮތުން މި ޕްރޮގްރާމްގައި 282 ބައިވެރިން ބައިވެރިވެފައިވެއެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާއި، ފޭރާން ވަރުގަދަކުރުމާއި އިސްލާމީ ރިވެތި އުސޫލުތައް ޤާއިމްކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުުޖުތަމައެއް ޤާއިމްކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހުންނެވި، އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 1 އިސްމާއިލް އަޙުމަދު ވިދާޅުވީ، ޕްރޮގްރާމްގެ ތެރެއިން މައިގަނޑު ފަސް ދާއިރާއަކުން ބައިވެރިންނަށް ކަންތައްތަކެއް ދަސްކޮށްދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އިޖުތިމާޢީ، ނަފްސާނީ، ސިއްޚީ ގިނަ ކަންތައްތަކެއް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްްރާމަކީ ހުރިހާ އުމުރުފުރައަކަށް ޚާއްސަކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިނގުރައިދޫ ކައުންސިލްގެ ނާއިބް ރައީސް ޢަބްދުﷲ ޙަސަން ވިދާޅުވީ، މި ޕްރޮގްރާމް ވެގެން ގޮސްފައިވަނީ އިނގުރައިދޫގެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ގެނެސްދިން އުފާވެރި އީދަކަށް ކަމަށެވެ.

މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިން ބުނީ، ހަށިގަނޑަށް ލުއިވެ ރަނގަޅު އާދަތަކެއް ދަސްވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ އެކި ތަންތަނަށް އަރާފައިވާ ވާންތަކާއި، އައްސިކަން، ފިލައި، ކަކުލު ހުޅުގެ ރިހުންތަކާއި، ބުރަކަށީގެ ރިހުންތައް އެއްކޮށް ފިލައިގެން ގޮސް އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތް ކުރުމަށް މިހާރު ފަސޭހަވެގެން ހިނގައްޖެ ކަމަށެވެ.

ޕްރޮގްރާމްގެ ތެރެއިން ކަސްރަތު ކުރުމުގެ އިތުރުން ޢާންމު ދިރިއުޅުމުގައި ދިމާވާވެދާނެ ތަފާތު ޙާދިސާތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލަ ފަރުދެއްގެ ޙައިސައްޔަތުން ކުރެވިދާނެ ކަންތައްތައް އުނގަންނައިދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިނގުރައިދޫގައި މޫދު ކަސްރަތުން އުފާވެރިކަން މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މިއީ އެމްއެންޑީއެފުން ސިލްސިލާކޮށް ހިންގާ މިފަދަ 15 ވަނަ ޕްރޮގްރާމެވެ.