ޚަބަރު

ޓެކްސީގެ އަގުތައް ތިރިކުރުމަށް އާންމުން ހިޔާލު ހުށަހަޅައިފި


މިހާރު ޓެކްސީތަކުން ނަގަމުން އަންނަ އަގުތައް ބޮޑުކަމަށްބުނެ، އަގު ކުޑަކުރަން އާންމުން ގޮވާލައިފިއެވެ. ޓެކްސީން ނަގާ އަގު ކަނޑައެޅުމަށް ބޭއްވި ފޯރަމްގައި ގިނަ އަދަދެއްގެ ޑްރައިވަރުންނާއި، އާންމު ރައްޔިތުންވެސްވަނީ ބައިވެރިވެފައެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބޭއްވި ފޯރަމަކީ މާލޭ ސަރަޙައްދުގެ ޓެކްސީގެ އަގުތަކާއިމެދު ޚިޔާލު ތަފާތުވުންތައް އުފެދެމުންދާތީ، އަގުތައް ކަނޑައެޅުމާއި މެދު ޑްރައިވަރުންނާއި، އާއްމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމެކެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިފަދަ ފޯރަމެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އާންމުންނާއި ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި، ގޮތެއް ކަނޑައެޅުމުގެ ކުރިން އާމުންގެ ވީހާވެސް ގިނަ ބައެއްގެ ޚިޔާލު ހޯދުންކަމަށެވެ. އަދި ގޮތެއް ނިންމާއިރު ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ޚިޔާލު ވަރަށް މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަކި ފަރާތަކެއްގެ ފައިދާއަށް ނުބަލައި، ރައްޔިތުންނަށް އަދި ޑްރައިވަރުންނަށްވެސް ފައިދާވާގޮތަށް ކަންކަން ނިންމުން މަޤްސަދަކީ. މިކަން ނިންމުމުގައި ވަކި ފަންތިއަކަށް ނުބަލާނަން،" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ފޯރަމްގައި ބައިވެރިވި ބައެއް ޢާއްމުންވަނީ މިހާރު ޓެކްސީތަކުން އާއްމުކޮށް ނަގާ 25ރުފިޔާގެ އަގު ބޮޑުކަން ފާހަގަކޮށްފައެވެ. ބްރިޖް ހުރަސްކޮށްކުރާ ދަތުރުތަކަށް ނަގާ އަގުވެސް ބޮޑުކަން ފޯރަމްގައި ބައިވެރިވި ހުރިހާ އާންމުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބައެއް އާންމުންވަނީ އަވައްޓެރި ބައެއް ޤައުމުތަކުގައި ކުރާ އެއްގަމު ދަތުރުތަކަށް ނަގާ އަގާ ބަލާއިރު ރާއްޖޭފަދަ ކުޑަ ސަރަޙައްދެއްގައި ކުރާ ދަތުރުތަަކަށް ނަގާ އަގު ބޮޑުކަން ފާހަގަކޮށްފައެވެ. އަދި ޓެކްސީތަކުން އެކަށީގެން ނުވާ އަގުތައް ނެގުން ހުއްޓުވުމަށް މީޓަރު ހަރުކުރުން މުހިންމުކަމަށް ގިނަ އާންމުން ހިޔާލު ފާޅުކޮށްފައެވެ.

"ތެޔޮ ލީޓަރަކީ 11 ރުފިޔާ. ލީޓަރެއް ނުނަަ ހުޅުމާލެ ދާކަށް. ހުޅުމާލެއަށްވެސް އަދި ހުޅުލެއަށްވެސް އެއް އަގެއް. ހުޅުލެއަށްދާ އަގު ކުޑަކުރަންޖެހޭ. 100 ރުފިޔާ ބޮޑު. ނަމަވެސް 75ރުފިޔާވަރު ރަނގަޅު. މިކަން ޙައްލުވާނީ ކާރުގައި މީޓަރު ހަރުކޮށްގެން." ޓެކްސީ ޑްރައިވަރު ބުންޏެވެ.

ޓެކްސީގެ އަގު ބޮޑުކަމަށްބުނެ އާއްމުން ޚިޔާލު ފާޅުކޮށްފައިވާއިރު، ބްރިޖް ހުރަސްކޮށް ޓެކްސީތައް ކުރާ ދަތުރުތަކުގެ އަގަށް ނަގާ 100ރުފިޔާވެސް ކުޑަކަމަށް ބައެއް ޓެކްސީ ޑްރައިވަރުންވަނީ ބުނެފައެވެ. އެގޮތުން ކުރަންޖެހޭ ޚަރަދާއި އަޅާބަލާއިރު ޓެކްސީ ދަތުރުތަކުން ލިބޭ އާމްދަނީ ކުޑަކަން ޑްރައިވަރުންވަނީ ފާހަގަކޮށްފައެވެ.

"އެބަ ހޭދަވޭ ސާޅީހަކަށް މިނިޓް ހުޅުމާލެއަށް ގޮސް އަންނަ ދަތުރަކަށް. އެހެންވީމާ 100ރުފިޔާއަށް ދަތުރުކުރެވޭނީ. ޓެކްސީ ޕެޓްރޯލަަަަށާއި ރިޕެއަރ ކުރުމާއި، އަދި ޓެކްސީތަކުގެ ވެރިމީހާއަށް ބައެއް އަޅާފައި ޑްރައިވަރަށް ވަރަށް ކުޑަ ފައިދާއެއްވަނީ." ޢާއްމު ރައްޔިތަކު ވިދާޅުވިއެވެ.

ޓެކްސީގެ އަގުތައް ބޮޑުކަމަށްބުނެ މައްސަލަތައް ފެންމަތިވާން ފެށީ، ބްރިޖް މެދުވެރިކޮށް ދަތުރުތައް ފެށުމާއިއެކު، ކޮންޓްރޯލެއްނެތި ޑްރައިވަރުން އަގުތައް ނަގަން ފެށުމާއި ގުޅިގެންނެވެ. ފޯރަމް ބާއްވާފައިވަނީ ސަރުކާރުން ގަވާއިދައް ޢަމަލުކުރަން ޑްރައިވްރުންނަށް އެންގިނަމަވެސް، ޑްރައިވްރުންނާއި އާންމުންގެ ޚިޔާލާއިއެކު އަލުން އަގުތައް މުރާޖާ ކުރުމަށެވެ.

ޓެކްސީ އަގާއިމެދު ހިޔާލު ހުށައެޅުމުގެ ފުރުސަތު ގުޅައިގެން އައި އެސްއެމްއެސް ކޮށްގެން ހުށައެޅުމުގެ ފުރުސަތުވެސް ޓްރާންސްޕޯޓް މިނިސްޓްރީއިންވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހާއި ހަމައަށް ޚިޔާލު ހުށައެޅުމަށްވަނީ ހުޅުވާލާފައެވެ.