ޚަބަރު

މެލޭޝިއާގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް މައި ކޮލެޖަށް


މެލޭޝިއާގެ ޓުން ޙުސެއިން އޯން މެލޭޝިއާ ޔުނިވަރސިޓީގެ ކޯސްތައް ރާއްޖޭގައި ފުރިހަމަކުރެވޭ ގޮތަށް ރާއްޖޭގެ މިއާންޒް އިންޓަރނޭޝަނަލް ކޮލެޖާއެކު އެޔުނިވަރސިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖު ނުވަތަ މައި ކޮލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މައި ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ސީއީއޯ އަޙުމަދު މުއްތަކީއެވެ. އަދި ޔޫޓީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ވަޙީދު ރަޒާލީއެވެ.

މައި ކޮލެޖުގެ ސީއީއޯ އަޙްމަދު މުއްތަކީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މިސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު ޕްރޮގްރާމްތައް މައި ކޮލެޖުގައި ކުރިއަށް ގެންދަން ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ޔޫޓީއެމްއެޗްގެ ވައިސް ރެކްޓަރ ޕްރޮފެސަރ ރަޒާލީ ވިދާޅުވީ އެ ޔުނިވަރިސިޓީން ފޯރުކޮށްދިނުމަށް ގަސްދުކޮށްފައިވާ ޕްރޮގްރާމްތައް ދިވެހިންގެ މެދުގައި މަޤްބޫލްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮމާރޝަލް ޕައިލެޓް ލައިސެންސާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުގެ ޕްރޮގްރާމްތައްވެސް ރާއްޖެއަށް ތަޢާރަފް ކުރަން ބޭނުންވާ ކަމަށް ޕްރޮފެސަރ ރަޒާލީ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން މައި ކޮލެޖުގެ ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން ޔޫޓީއެޗްއެމްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެއެވެ. އަދި ޓެކްނިކަލް ގިނަ ދާއިރާތަކުން މަތީ ތަޢްލީމް ޙާޞިލް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ މައި ކޮލެޖުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެޗެލަރ އޮފް ވޮކޭޝަނަލް އެޑިއުކޭޝަން އިން ކްރިއޭޓިވް މަލްޓީ މީޑިއާ ޕްރޮގްރާމެވެ. މިއީ މަލްޓީމީޑިއާ ހިމަނައިގެން ޓީޗަރުން ތަމްރީންކުރާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމް ކުރިއަށްދާނީ ޔޫޓީއެމްއެޗުން ޒިޔާރަތްކުރާ ލެކްޗަރަރއިންގެ އިތުރުން ރާއްޖޭގައި ތިބި މި ދާއިރާގެ މާހިރުންނާއެކުގައި ކަމަށް މައި ކޮލެޖުން ބުނެއެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހުއްދަ ލިބުމުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް މައި ކޮލެޖުން ބުނެއެވެ.

މެލޭޝިއާގެ ޓުން ޙުސެއިން އޯން މެލޭޝިއާ ޔުނިވަރސިޓީއަކީ 1993 ވަނަ އަހަރު މަލޭޝިއާގައި ޤާއިމްކޮށްފައިވާ ޕަބްލިކް ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީން އަންނަނީ އެކި ދާއިރާތަކުން ފަންނީ ހުނަރު ދަސްކޮށްދޭ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.