ކުޅިވަރު

ލިވަޕޫލް އެފްއޭ ކަޕުން ކެޓުން


ވުލްވަރހަމްޓަން ވެންޑަރާރސް އަތުން ބަލިވެ ލިވަޕޫލް އެފް އޭ ކަޕުން ކަޓައިފި. ޕްރިމިއަރ ލީގް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އެފްއޭ ކަޕުން ކެޓީ ވުލްވްސް އަތުން ދެ ލަނޑު އެއް ލަނޑުން ބަލިވެގެނެވެ.
ލިވަޕޫލްއިން މެޗަށް ނެރުނު ފުރަތަމަ އެގާރައިގަ ކޯޗްވަނީ ހަތް ބަދަލެއް ގެނެސްފައެވެ. އޭގެ ތެރޭގަ ސަތާރަ އަހަރުގެ މިޑްފީލްޑަރ ކަރޓިސް ޖޯންސް އަދި އަށާރަ އަހަރު ރަފޭލް ޗަމަޗޯ ހިމެނެއެވެ. އަދި މެޗްގެ ހަ ވަނަ މިނެޓްގައި ޑެއާން ލޮވްރެންއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމުން ބަދަލުގައި ކުޅެން ނުކުތީ ސޯޅަ އަހަރުގެ ޑިފެންޑަރ ކިޖާނާ ހޯވަރއެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ވުލްވްސްއިން. ފުރަތަމަ ހާފްގެ 37 ވަނަ މިނެޓްގައި ޖޭމްސް މިލްނަރ އަށް ހެދުނު ގޯހަކުން ވުލްވްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒެވެ.
ދެވަނަ ހާފްގެ ހަ ވަނަ މިނެޓްގަ ލިވަޕޫލްގެ ޑިވޮކް އޮރިގީވަނީ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ވުލްވްސްއަށް ދެވަނަ ފަހަރަށް މެޗްގައި ލީޑް ނަގައިދިނީ ރޫބެން ނެވޭސްއެވެ.
މެޗް ނިމެން ވިހި މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލުންވަނީ އެޓޭކް ވަރުގަދަކުރަން ސަލާހާއި ފިރްމީނޯ އަރުވާފައެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށްވެސް ވަނީ ތަފާތު ދެއްކޭގޮތް ނުވެފައެވެ.
މިއީ ވްލްވްސްއިން ވަރުގަދަ ލިވަޕޫލް އެފްއޭ ކަޕުން ކަޓުވާލި ފަސްވަނަ ފަހަރެވެ.