ސިޔާސީ

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި


އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ރަންޑަލް ޝްރައިވަރ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ރަންޑަލް ޝްރައިވަރ، މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނެވެ.

މިމަހު 8 އިން 9 އަށް ރަންޑަލް ޝްރައިވަރ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒްގެ މަޤާމަށް ރަންޑަލް ޝްރައިވަރ އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 08 ވަނަ ދުވަހުއެވެ.

މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އީސްޓް އޭޝިއަން އެންޑް ޕެސިފިކް އެފެއަރޒްގެ މަޤާމުގައެވެ.