ސިޔާސީ

މެލޭޝިއާގައި ދިވެހި ޑްރައިވިންގ ލައިސަންސް ބޭނުންކުރުން މަނާކޮށްފި


މެލޭޝިއާގައި ދިވެހިން ކުރިން ބޭނުންކުރަމުންދިޔަ ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރުން އެޤައުމުން މަނާކޮށްފިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މެލޭޝިއާގައި ބޭރު ޤައުމުތަކުގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރުމާބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް އެޤައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން މަސައްކަތް ފަށާފައިވާތީ، އެ ޤައުމުގައި ބޭރު ޤައުމެއްގެ ޑްރައިވިންގ ލައިސަންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ބުނީ މިއީ ހަމައެކަނި ދިވެހިންނަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. އެހެންކަމުން މި ފިޔަވަޅާއެކު ބޭރުގެ އެއްވެސް ޤައުމެއްގެ ޑްރައިވިންގ ލައިސަންސް މިހާރު މެލޭޝިޔާގައި ބޭނުން ނުކުރެވޭނެ ކަމަށާ، ހަމައެކަނި ވެހިކަން ދުއްވުމުގެ ހުއްދަ އެޤައުމުން ދީފައިވަނީ، މެލޭޝިޔާގެ ލައިސެންސް އޮންނަ ފަރާތްތަކަށާއި އިންޓަނޭޝަނަލް ލައިސެންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެމްބަސީން ނެރުނު ބަޔާނުގައި ވަނީ، މެލޭޝިއާގެ ސަރުކާރުގެ މިގޮތަށް ނިންމާފައިވާތީ، ދިވެހި އެމްބަސީން ދޫކުރާ ލިއުމާއެކު ކުރިން ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބެނުންކޮށްގެން، މެލޭޝިއާގައި އެއްގަމު އުޅަނދު ދުއްވުނު ނަމަވެސް މި ކަން މިހާރު މަނާކޮށްފައިވުމާއެކު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އެ ޤައުމަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެމްބަސީން ބުނީ މެލޭޝިއާއިން މި ނިންމި ނިންމުމާއެކު އޭގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިންތަކަކަށް ކުރާނެތީ، ދިވެހި ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.