ޚަބަރު

ޕީޕީއެމްގެ ނާއިބު ރައީސް ސަޢީދު ޕީއެންސީއާ ގުޅިވަޑައިގެންފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއާ ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ގުޅިވަޑައިގެންފިއެވެ.

ރައީސް ޔާމީން ސަރުކާގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ޕީއެންސީއާ ގުޅިވަޑައިގެންނެވީ އޭނާ ކުރިން ހުންނެވި ޕީޕީއެމްގެ ނާއިބު ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހުއެވެ.

މިކަން ހާމަކޮށް ޕީއެންސީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައީދު ޕީޕީއެމުން އިސްތިއުފާދެއްވުމަށްފަހު ޕީއެންސީއާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ.

"ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ސައީދު ޕީޕީއެމްގެ ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށްފަހު، ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕީއެންސީއާއި ގުޅިވަޑައިގެންފި. މަރުހަބާ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ސައީދަކީ ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމުން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ނާއިބު ރައީސްކަމުގެ މަޤާމަށް ޢައްޔަން ކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.