ޚަބަރު

އެމްކިޔުއޭގެ ސީއީއޯއަކަށް ޑރ. ޙައްނާން، ޕޮލިޓެކްނިކްގެ ސީއީއޯއަކަށް ނާސިރު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ޑޮކްޓަރ ޢަބްދުލް ޙައްނާނެވެ. އަދި ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އައްޔަން ކުރެއްވާފައި ވަނީ ގދ. ގައްދޫ ފަހާގެ، އަޙްމަދު ނާޞިރެވެ.

މި ދެބޭފުޅުންގެ ތެރެއިން ޑޮކްޓަރ ޢަބްދުލް ޙައްނާން ޢައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އަދި ނާޞިރު ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނާއިބުގެ ފެންވަރުގައެވެ.

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ރައީސް ޞާލިޙް ޢައްޔަން ކުރެއްވި ޑރ. ޙައްނާނަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ޕީ.އެޗް.ޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ބިޒްނަސް ސްޓެންޑަރޑްގެ އެޑިޓަރެއްގެ މަޤާމުގައެވެ.

ޕޮލިޓެކްނިކްގެ ސީއީއޯއަކަށް ރައީސް ޞާލިޙް ޢައްޔަން ކުރެއްވި ނާޞިރަކީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ނާސިރު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ އިސްވެރިޔާގެ މަޤާމެވެ.