ޚަބަރު

އަންހެންނަކު ރަޖަމްކުރުމަށް ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި


ނައިފަރު މެޖިސްޓްރޭޓް ކޯޓުން އަންހެނަކު ރަޖަމް ކުރަން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލައިގެ ޝަރީޢަތް ހިންގައި ނިންމާފައިވަނީ، ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، އެ ޙުކުމަކީ ބާތިލު ޙުކުމެއް ކަމަށެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ ޒިނޭ ކުރުމަކީ ކުށެއްކަމަށާއި، އެކުށުގެ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއެކު 1 އަހަރާއި 3 ދުވަހާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިމައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވަނީ އެމައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަވާލާދީފައިވާ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ކައިވެނިކޮށްގެންހުރި އަންހެނަކު ޒިނޭކުރިކަން ސާބިތުވުމާގުޅިގެން އޭނާ ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައި ވަނީ އިއްޔެއެވެ. އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތުން ކައިވެންޏެއް ކޮށްފައިވާ، ނުވަތަ ކައިވެންޏެއް ކޮށްގެންއުޅޭ މީހަކު ޒިނޭކޮށްފިނަމަ، އެމީހެއްގެ އަދަބަކީ ރަޖަމްކުރުމެވެ.

ޤާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގެ ދަށުން އިސްލާމީ ޝަރީޢަތުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އަދަބެކެވެ. އިސްލާމީ ޝަރީޢަތުގެ ޒިނޭ ސާބިތުވާނީ 4 ހެކިންގެ ހެކިބަހުން ނުވަތަ ޒިނޭކުރިި މީހާގެ އިޢުތިރާފުންނެވެ.

ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވާގޮތުން މިފަދަ ޙުކުމެއް ތަންފީޒުކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުޙަލާއެއް ނިމުމުންނެވެ. އަދި އިސްލާމީ ޝަރީޢަތުގައި ހާކިމާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން މިފަދަ އަދަބުތަކާމެދު ގޮތް ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިދީފައިވެއެވެ.

މީގެކުރިންވެސް މެޖިސްޓްރޭޓް ކޯޓަކުން މީހަކު ރަޖަމްކުރުމަށް އިއްވި ޙުކުމެއް ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިވެއެވެ. ރާއްޖޭގައި ޒިނޭގެ ހައްދުގެ 100 އެތިފަހަރުޖެހުން ތަންފީޛްކުރިނަމަވެސް، ރަޖަމް ކުރުމުގެ ޙުކުމް ތަންފީޒެއް ނުކުރެއެވެ.