ޚަބަރު

ޖަލުގައި ހިނގި މަރާމާރީއެއްގައި ތިން ޤައިދީއަކަށް އަނިޔާވެއްޖެ


މާފުށީ ޖަލުގައި ޤައިދީތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ޤައިދީންތަކަކަށް އަނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ، މި މާރާމާރީ ހިނގާފައިވަނީ 3 ޤައިދީއެއްގެ މެދުގައި ކަމަށެވެ. އަދި މި މާރާމާރީގައި މި 3 ޤައިދީންނަށްވެސް އެކިވަރުގެ އަނިޔާ ވެފައިވާކަމަށެވެ. ނަމަވެސް އެއްވެސް ޤައިދީއަކަށް ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ވެފައި ނުވާކަމަށް ކަރެކްޝަނަލް ސަރވިސް އިން ބުނެއެވެ. އަދި މިކަން އެ ޤައދީންގެ އާއިލާތަކަށް އަންގާފައިވާނެ ކަމަށާ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

ފުލުހުން ބުނީ ޖަލުގައި ގައިދީންތަކެއް މާރާމާރީ ހިންގި މައްސަލައެއް މިރޭ އިރުއޮއްސި ހައެއް ޖަހާކަންހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ޖަލަށް ފުލުހުން ގޮސް އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.