ޚަބަރު

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފި


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މއިަދު 13:30 ގައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ފުލުހުންގެ އިދާރާގައެވެ.

އެންމެފަހުން އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ މިދިޔަމަހުގެ 15 ވަނަދުވަހުއެވެ. އެދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ސިޔާސީ މައްސަލައެއްގައި ކަމަށާއި ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލާގައި އަދިވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަންޖެހޭނެކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ޔާމީން ވިދާޅުވެފައިވަނީ، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ސުވާލު ކުރީ ދެ ކަމެއްގައި ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާތަކަކާ ބެހޭމައްސަލައެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި ލިބިވަޑައިގެންނެވި ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ ކަމަށެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.