ސިޔާސީ

ސިޔާސީ މުވައްޒަފުންނަށް ލިބޭ ހަދިޔާ ހަވާލުކުރަންޖެހޭނީ ދައުލަތަށް- ނިޔާޒް


ސިޔާސީ މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ)އަށް ހުށަހެޅުމުގެ ބަދަލުގައި، ދައުލަތަށް ނެގުން މުހިންމު ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ތެދުވެރިކަމާއި މެދު ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާތައް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުކުރަންޖެހޭ ގޮތަށް ރައީސް އޮފީހުން ހަމަޖައްސަވާފައިވަނީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލަށް ގެންނައި އިސްލާހުގައެވެ.

ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުގައި ކުރިން އޮންނަގޮތުން ސިޔާސީ މުވައްޒަފުންގެ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި މެދު ސުވާލު އުފެދިދާނެ ގޮތަށް ލިބޭ ހަދިޔާ ނުވަތަ އެނޫންވެސް އެއްޗެސް ހަވާލުކުރަންޖެހެނީ ރައީސް އޮފީހަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުވާ ފަރާތަކާއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒިފުންނަށް ލިބޭ ހަދިޔާތައް އޭސީސީ އަށް ހަވާލުކުރަން ނިންމުމުން އެކަމަށް ރައްދު ދެއްވާ ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މުވައްޒިފުންގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާ ނަގަން ޖެހޭނީ ދައުލަތަށް ކަމަށާއި، އޭސީސީއަށް ހަދިޔާ ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އޭސީސީ ފަދަ މިނިވަން މުވައްސަސާއަކަށް ސަރުކާރުން އުފުލަން ޖެހޭފަދަ މަސްއޫލިއްޔަތެއް ހަވާލުކުރުމަކީ އޭސީސީގެ މިނިވަންކަމަށް ހުރަސް އެޅިގެންދާނެކަމެއް. އެނިންމުން އަލުން މުރާޖައާ ކުރަންޖެހޭ." ނިޔާޒް ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.

ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ބަދަލު ގެންނަވާ ރައީސް އޮފީހުން އާއްމުކުރެއްވި އިސްލާހުގައި ބުނެފައިވަނީ މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މުވައްޒަފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ގޮތަކަށް، އެއްވެސް ފަރާތަކުން ދޭންއުޅޭ، ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއްކަމަށެވެ. އަދި ދައުލަތުން އެއްވެސް ކަމެއް ހާސިލުކުރުމަށް އެއްވެސް ފަރާތަކުން ހަދިޔާއެއް އެއްވެސް ފަރާތަކުން ދީފިނަމަ، ނުވަތަ ދޭން ހުށަ ހަޅައިފިނަމަ، ލަސްނުކޮށް އެ އެއްޗެއް ނުވަތަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ ފަރާތަކަށް ހަވާލުކުރަންޖެހޭނެކަމަށްވެސް ރައީސް އޮފީހުން ގެނައި އިސްލާހުގައިވެއެވެ.

ސިޔާސީ މުވައްޒަފުންގެ އަމަލުކުރަންޖެހޭ އުސޫލަކީ 2012 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެކެވެ. މި އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި މަޤާމު ގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި، މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރި ހަމައަށް ޖަވާބުދާރީވާންޖެހެއެވެ.

އަދި މަޤާމު ގެ ހައިސިއްޔަތުން ލިބޭ ބާރާއި އިޚުތިޔާރު ބޭނުންކުރުމުގައި، ދައުލަތާއި، ރައްޔިތުންގެ މަޞްލަޙަތާއި، އެ މީހެއްގެ އަމިއްލަ ކަންތައްތަކާއި، އާއިލީގޮތުން ނުވަތަ ރައްޓެހިކަމުގެ ގޮތުން ނުވަތަ އެނޫން ވެސް ގޮތަކުން ގުޅުންހުރި މީސްމީހުންގެ ކަންތައްތައް ވަކިކޮށް، މަޞްލަޙަތު ފުށުއަރައި ފާނެ ހާލަތެއް މެދުވެރިވިޔަ ދީގެން ނުވާނެއެވެ.