ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވެ ގެއްލުންތަކެއް ވެއްޖެ


ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ވާދުއާއި ތިނަދޫގެ ގޭގެއަށް ފެންވަދެ ގެއްލުން ތަކެއް ލިބިއްޖެއެވެ.

އެންޑީއެމްއޭގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ޙަސަން ވިދާޅުވީ މިހާތަނަށް ތިނަދޫގެ ވިއްސަށްވުރެ ގިނަ ގެއާއި ވާދޫގެ އެގާރައަށްވުރެ ގިނަ ގެއަށް ވިއްސާރައިގެ ސަބަބުން އެކިވަރުގެ ގެންލުންތައްވެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ވާދޫގެ ދަނޑުވެރިކަންކުރާ ގިނަ ސަރަހައްދުތަކަށްވެސް ވިއްސާރާގައި ގެއްލުން ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ފެން ވަދެފައިވާ ގެތަކުގެ މައުލޫމާތު ހޯދަމުންދާކަމަށެވެ. އެ އޮތޯރިޓީން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫ އާއި ވަދޫގެ އިތުރުން، މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ، ކޮލަމާފުށި، ދާންދޫ، ދެއްވަދޫ އަދި ގައްދޫގައިވެސް ފެންބޮޑުވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ މިރަށްރަށުގެ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ހުރިހާ ރަށެއްގެވެސް އާންމު ހާލަތު ރަނގަޅު ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާއަކީ މޫސުމީ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެއިދާރާއިން ރޭ ވަނީ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާރޓްވެސް ނެރެފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.