ޚަބަރު

ޤައުމީ އެމްބިއުލާންސް ޚިދުމަތުން މުޅިރާއްޖެ ގުޅާލާނަން - ހެލްތް މިނިސްޓަރ


ސިއްޙީ ފަރުވާ ބޭނުންވާ މީހުންނަށް ވީއެންމެ އަވަހަކަށް ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްއެއް ތައާރަފް ކުރައްވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަގޮތުން ސިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ދިނުމަށް މުޅި ރާއްޖެ ގުޅުވާލަދޭ ނިޒާމެއް އޮތުން ވަރަށް މުހިންމު ކަމަށާއި، މިކަމަށްޓަކައި ނެޝަނަލް އެމްބިއުލެންސް ސަރވިސްއެއް ތައާރަފްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން ރާއްޖޭގެ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ސިއްޙީ ފަރުވާ ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްބިއުލާންސްތަކުގެ ތެރެއިން 30 އިންސައްތަ އެމްބިއުލާންސް ބޭނުންނުކުރެވޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ދަށުން މި އުޅަންދުތަކުގެ މެއިންޓެއިނަންސް މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ކުރެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މުޅި ރާއްޖެ ގުޅުވާލަދޭ ނެޝަނަލް އެމްބިއުލެންސް ސަރވިސްއެއް ފެށުން. އަޅުގަނޑުމެންގެ މި އެމްބިއުލަންސްގެ ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި. އެކަންކަން ޙައްލުކުރުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ. މި ވިއުގައިން މުޅި ރާއްޖޭގެ އެމްބިއުލަންސްގެ ޚިދުމަތް ގުޅާލާ އަޅުގަނޑުމެން މި ޚިދުމަތް ހަރުދަނާކުރާނަން." ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަ އެހީ، ނުވަތަ ފަރސްޓް އެއިޑަކީ ސިއްޙީ ޚިދުމަތުގެ މުހިންމު ބައެއް ކަމަށާއި، އަލައް ޤާއިމުކުރާ ނެޓްވޯރކްގެ ތެރެއިން ސިއްޙީ ކުއްލި ޙާލަތެއްގައި އަމަލުކުރާނެގޮތް އޮޅުންފިލުވުމަށް ގުޅާނެ ޚާއްޞަ ނަންބަރެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިމަސައްކަތް ނިމުމާއެކު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން މި ޚިދުމަތް ދެމުންދާފަދަ ގޮތަކަށް، ދިމާވާ ހާލަތްތަކުގައި ވަގުތުން އަމަލުކުރަންވީގޮތް މި ޚިދުމަތް މެދުވެރިކޮށް ކިޔައިދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނާމެދު ކަންތައްކުރާނެގޮތާމެދު ޓެކްސީ ޑްރައިވަރުންނާއި، އުޅަނދުތައް ދުއްވާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް ހަފްތާއެއްހާދުވެހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ތިވިދާޅުވިގޮތަށް ކުއްލި ޙާލަތްތަކުގައި ގުޅޭނެ ނަންބަރުތައް ޤާއިމުކޮށް އާންމުންނަށް ޚިދުމަތް ދިނުމަށް. ހަމަ މިއާއިއެކު ޓެކްސީ ޑްރައިވަރުންނަކީ ގިނަ ފަހަރަށް ބަލި މީހުންނާ ޑީލްކުރަން ޖެހޭ ބައެއް. އެމީހުންނަށް ޕެރެމެޑިކްސްގެ ކޮންމެވެސް ޢިލްމެއް ފޯރުކޮށްދޭނަން. މި މަސައްކަތް މިއަންނަ ހަފްތާގައި އަޅުގަނޑުމެން ފަށާނަން." ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދަޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ސިއްޙީ ޚިދުމަތް ވީހާވެސް ކައިރިން ލިބޭނެ މަގު ފަހިކޮށްދިނުމަށްކަމަށާއި، ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތަކަކީ ޓާޝަރީ ފެންވަރަށްވުރެ ޚިދުމަތް ރަނގަޅު ހޮސްޕިޓަލްތަކަކަށް ހަދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.