ރާއްޖޭގެ ޖުޑިޝަރީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން 30 ދުވަހުގެ ތެރޭގައި ކޮށްފައި މަސައްކަތްތަކާގުޅޭ މަޢުލުމާތު ހިއްޞާ ކުރައްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ، ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމަކީ 30 ދުވަހުން ނިންމޭ ވަރަށް ވުރެ ބޮޑު މަސައްކަތެއް ކަމަށެވެ.
ޝައުނާ ވިދާޅުވީ، އެކަމަކީ މަޝްވަރާކޮށްގެން ކުރެވޭ ވަރުގެ މަސައްކަތެއް ކަމަށާއި، އެހެން ކަމުން އެކަން ހައްލުކުރުމަށް ދިރާސާތައް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން އެމައްސަލަ ޙައްލު ކުރުމުގައި ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލަފައަށްވެސް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ކުރަންވާނީ މަޝްވަރާ ކުރެވިގެން ކަމަށް އަޅުގަނޑުމެން ދެކެނީ. އެކަމަކީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމަކަށް ވާތީ އެޓާނީ ޖެނެރަލް އޮފީހުން އެ މަޝްވަރާތައް ކުރިއަށް އެބަގެންދޭ.އާމިނަތު ޝައުނާ
އޭނާ ވިދާޅުވީ، ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމަށް ބަންޑާރަ ނާއިބާއި ފަނޑިޔާރުންނާއި ވަކީލުން އަދި ކަމާބެހޭ އެހެން ފަރާތްތަކާވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އެއާއެކު ރައީސް ޞާލިހްގެ ވެރިކަމުގެ ދައުރުގައި އިންސާފް ޤާއިމް ކުރެވޭނެ ފުރިހަމަ ނިޒާމެއް އެކުލަވާލެވޭނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގައި ފުރިހަމައަށް އިންސާފު ގާއިމް ކުރެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރެވޭނެ. އެކަމުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު މި ކުރެވެމުން ދަނީ." ޝައުނާ ވިދާޅުވިއެވެ.
ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނައިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ދާދިފަހުން ވަނީ ކްރިމިނަލް ކޯޓުން ބައެއް މައްސަލަތައް ނިންމަނީ ވަކިފަރާތަކަށް ޖެހިގެންކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ.
ސުއޫދު ވިދާޅުވެފައި ވަނީ ބޮޑެތި މައްސަލަތައް ބަލަން ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގުތަކުގެ ނުފޫޒު އޮންނަ ކަމަށާއި ބައެއް މައްސަލަތައް ވަކިކޮޅަކަށް ނިންމުމުގައިވެސް ގޭންގު ތަކުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ސެކިއުރިޓީންގެ ގޮތުގައިވެސް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށް ސުޢޫދުވަނީ ވިދާޅުވެފައެވެ.