ކަސްޓަމްސްއިން ވިޔަފާރިތަކަށް ދެމުން އަންނަ ޚިދުމަތްތައް ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ވަރަށްބޮޑަށް ލުއިފަސޭހަވެގެން ދާނޭކަމަށް އެއޮތޯރިޓީން ހާމަކޮށްފިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަހްމަދު ނުއުމާން ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އެއޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ކަސްޓަމްސްއިން ދެމުންގެންދާ ބައެއް ޚިދުމަތްތައް ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި އަވަސްވެގެންދާނޭކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލުކުރަން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ޚިދުމަތްތަކަކީ ރާއްޖޭގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށް ދިނުމަށް ވަރަށް މުހިއްމު ޚިދުމަތްތަކެއް. އަދި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ވިޔަފާރި ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކާއި އެމަނިކުފާނުގެ ވައުދުތައް މިނިސްޓަރީތަކުން ޙާސިލްކުރަން މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދޭ. އަޅުގަނޑު ދެކޭ ގޮތުގައި މި މަސައްކަތްތަކުގައި ކަސްޓަމްސްއަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެވިދާނެކޮމިޝަނަރ ޖެނެރަލް އަހްމަދު ނުއުމާން
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތަކަސް ޒަމާނީ ބަދަލުތައް ގެނެއުމުގެ އިތުރުން، އެ މުއައްސަސާގެ މަސައްކަތްތައް އޮޓޯމޭޓް ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކަސްޓަމްސްގެ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ މުއައްސަސާގެ ބައެއް އުސޫލްތަކާއި ޤަވައިދުތައްވެސް މުރާޖަޢާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.
"މިކަންތައް ތަކަކީ ކުރިއަށް އޮތް 30ދުވަހުގެ ތެރޭގައި ހާސިލް ކުރަން ބޭނުންވާ ކަންތައްތައް. ޖުމްލަ މި އިންނަނީ 24 ކަމެއް.އޭގެ ތެރޭގައި އިމްޕޯޓު އެކްސްޕޯޓުގެ ލިޔެކިޔުން ނިންމުމާއި ދޫކުރުމަށް އުސޫލްތައް ރިވިއުކޮށް މިހާރަށްވުރެ ފަސޭހަކުރުން ހިމެނޭކޮމިޝަނަރ ޖެނެރަލް އަހްމަދު ނުއުމާން
ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަހްމަދު ނުއުމާން ވިދާޅުވީ، ބޮންޑެޑް ވެއަހައުސްގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް، ހިދުމަތްދޭ ވަގުތައް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވާ ބޭލުމުގެ ޚިދުމަތް ހޯދުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެއާ ކާގޯ ބަލާފާސްކުރާ ސްޕީޑް އަވަސް ކުރުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ކޮމިޝަނަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.