ޚަބަރު

މާލޭގެ 13 މަގެއް ހުކުރު ދުވަހުގެ ހެނދުނު ބަންދު ކުރަނީ


މާލެއިން ކަނޑައެޅިފައިވާ 13 މަގެއް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ބަންދު ކުރަން ނިންމައިފިއެވެ.

މާލޭގެ ބައެއް ސަރަހައްދުތައް މިގޮތަށް ބަންދުކުރުމަށް ނިންމާފައިވަނީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭޙަ އަމާން މާހައުލެއް ހޯދައިދިނުމަށެވެ. މިކަމާ ގުޅޭ މަޢުލޫމަތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީއިން ބުނެފައިވަނީ މި 13 ސަރަަޙައްދު ބަންދުކުރާނީ ކޮންމެ ހުކުރު ދުވަހެއްގައި ހެނދުނު ހަގަޑި ތިރީހުން، ދިހަގަޑި ތިރީހަށްކަމަށް. މިގޮތަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 11 ވާ ހުކުރުދުވަހުން ފެށިގެންކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ޒުހުރުﷲ ސިޔާދް ވިދާޅުވީ ބަންދުކުރާ ސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި، އަދި ކުރުން މަނާކޮށްފައިވާ ކަންކަންވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.

"ބައިސްކަލުދުއްވުމާއި، ސްކޭޓް ކުރުމާއި ކުޑަކުދިންގެ ކުޅިވަރުތައް ކުޅެވޭނެ ބަންދުކުރާ ތަންތަނުގައި. ނަމަވެސް އަޑުގަދަކޮށްގެން ހަރަކާތްތައް ހިންގުމާއި، މުބާރާތްތަކެއް ނުބޭއްވޭނެ." ޒުހުރުﷲ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީއިން ބުނީ، މިކަމާ ގުޅޭ އުސޫލާއި، ބަންދު ކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތައް ވަރަށް އަވަހަށް ގެޒެޓްކުރާނެކަމަށެވެ.

މި ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓްގެ ހެޑް ފާތިމަތު ނަޝްވާ ވިދާޅުވީ، ބަންދުކުރާ ސަރަަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެ ސަރަހައްދުތަކުގައި ފުލުހުން އަބަދުވެސް ހަރަކާތްތެރިވާނެކަމަށެވެ. ފުލުހުންވަނީ މަގު ބަންދުކުރާ ވަގުތުތަކުގައި ޖަހާ ކޯނުތައް ކައިރީގައި މަގުބަންދުވާގޮތަށް ވެހިކަލް ޕާކު ނުކުރުމަށްވެސް އެދިފައެވެ.

ހައުސިންގ މިނިސްޓްރީއިން ބުނެފައިވަނީ މިހާރު 13 މަގެއް ބަނދުކުރިނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަގުތައްވެސް ބަނދުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. ބަންދުކުރަން ނިންމި މަގުތަކުގެތެރޭގައި ސޯޝަލް ސެންޓަރުކައިރިން މަޖީދީމަގާއި، ސިޓީ ޕާކު ގޯޅިއާއި، ހިލާލީ މަގާއި އަދިވެސް އިތުރު ގޯޅީތަކާއި މަގުތައް ހިމެނެއެވެ.