ޚަބަރު

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރަނީ


ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތް މިއަހަރު ކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް، މުސާރަތައް އެއްހަމަ ކުރުމަށް މިއަހަރު ނިންމާފައިވާކަމަށެވެ. އަދި މުސާރަތައް އެއްހަމަކުރުމަށްފަހު، ކުންފުނިތަކުގެ ޕާރފޯމަންސްއަށް ބަލައި، ކުންފުނިތައް ގިންތި ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރު ކުންފުނިތަކުން އަމަލުކުރުމަށްޓަކައި ކޯޕަރޭޓް ގަވަރަނަންސް ކޯޑެއް ތައްޔާރުކުރާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކުންފުނިތަކުގެ މަޢުލޫމާތުތައް ފަސޭޙައިން ހޯދުމަށާއި ކުންފުނިތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ޕީސީ ބޯޑުގެ ޑޭޓާ ބޭސް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކޮށް، ކުންފުނިތަކުގެ ރިކޯޑް ބެލެހެއްޓުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ފަށާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 1960 ވަނަ އަހަރުން ފެށިގެން އުފެދިފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތާއި އޭރު ކުންފުނި އުފެއްދި މަޤްޞަދުތަކާއި ފުށުއެރުންތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން 2019 ވަނަ އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ޤަވާއިދާއި އަސާސީ ގަވާއިދުތައް މުރާޖަޢާކުރުމަށްފަހު، މިހާރުގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް އިސްލާހްކުރުމުގެ މަސައްކަތްކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.