ވިޔަފާރި

ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ހާއްސަ ބައްދަލުވުމެއް ބާއްވަނީ


ވިޔަފާރިވެރިންނަށް ހުރި ދަތިތައް ދެނެގަތުމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާ ގޮތައް ވިޔަފާރީގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އިކޮނޮމިން މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުންކަމަށެވެ. އެހެންކަމުން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެ ޝާމިލްވާގޮތައް ވިޔަފާރިވެރިން ބައިވެރިވާ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ބައްދަލުވުން ވެގެންދާނީ ވިޔަފާރިވެރިން އެއްތަނަކަށްގެނެސް އެމީހުންގެ ޙިޔާލާއި، ކަންބޮޑުވުން އޮޅުންފިލުވައި ސަރުކާރަށް ހައްލުކޮށްދެވެން ހުރި ކަންކަން ދެނެގަނެ އެކަންކަން ހައްލުކޮށްދިނުމަށް ބޭއްވިގެންދާ ބައްދަލުވުމަކަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

"ބޭނުމަކީ ވިޔަފާރިވެރިން އެއްތަނަކަށް ގެނެސްގެން އެބޭފުޅުންގެ ޙިޔާލު ހުށައަޅައި، ހައްލުތަކެއް ހޯދައި، ސަރުކާރަށްވެސް އޭގައި ހައްލު ދެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުން. މިހާރު ކަންކުރަމުން މިދާގޮތަކީ އަޅުގަނޑުމެންނަށް އިނގޭ މައްސަލަތަކާއި، އަޅުގަނޑުމެންނަށް ބޭފުޅުން ހުށައަޅާ މައްސަލަތަކަށް ބަލައިގެން ކަންކަން ހައްލުކުރަމުން ދަނީ." މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވިއެވެ.

މި ބައްދަލުވުން މައިގަނޑުގޮތެއްގައި ކުރިއަށްދާނީ ވިޔަފާރީގެ އެކި ދާއިރާތަކަށް ކަރުދާސްތައް ހުށައަޅައިގެން އެއަށް މަޝްވަރާކުރުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމުގައި ވިޔަފާރި ޖަމިއްޔާތައް ބައިވެރިވާއިރު ރަށު ކައުންސިލްތަކަށްވެސް ރަށްރަށުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، 2 ދުވަހުގެ މުއްދަތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން އަންނަނީ ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.