ޚަބަރު

ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް އަންނަ ހަފްތާ އާއްމުކުރަނީ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އަންނަ ހަފްތާއިން ފެށިގެން އާއްމުކުރާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ޙާސިލުވި މިންވަރާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމުން އިބްރާހީމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި ވަޒީރުން ހިމެނޭގޮތަށް ރައީސް އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އަންނަ ހަފްތާއިން ފެށިގެން ޢާއްމުކުރައްވާނެކަމަށެވެ. އަދި މާލީ ބަޔާންތައް ޢާއްމުކުރާނީ މިފަދަ ކަންކަން ބަލަމުން އަންނަ އެންޓިކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ތަންތަނުގެ މަޝްވަރާގެ މަތިންކަމަށްވެސް ހޫދު ވިދާޅުވިއެވެ.

އަންނަ ހަފްތާއިން ފެށިގެން ރައީސް އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ޢާއްމުކުރަން ނިންމާފައިވާއިރު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ހުރިހާ ފަރާތެއްގެ މާލީ ބަޔާންތައް މި އަހަރު ނިމުމުގެ ކުރިން ޢާއްމުކުރާނެ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕަލްލިކް މިކުރަނީ އެންޓި މަނީ ލޯންޑަރިން ބެސްޓް ޕްރެކްޓިސް އެހެން ތަންތަނުގަވެސް ގެންގުޅޭ. މި ޕްރޮސެސް ހެދުމުގައި އަޅުގަނޑުމެން މި ގެންގުޅެނީ އެހެން ޤައުމުތަކުގައި ގެންގުޅޭ އުސޫލާ ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް މަދަނީ ޖަމިއްޔާތައްވެސް ގުޅިގެން. އޭގެ ތެރޭގައި ޓްރާންސް ޕޭރެންސީ މޯލްޑިވްސްއާ އެކުވެސް ވަނީ މަޝްވަރާތަކެއް ކުރެވިފަ." ހޫދު ވިދާޅުވިއެވެ.

ރައީސް އޮފީހުން މިހާރު ހަމަޖައްސާފައިވާ ގޮތުން، ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމުގެ ކުރިން ރައީސް އޮފީހުން ގެންދަނީ އެފަދަ ފަރާތްތަކުގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފު ކުރަމުންނެވެ. އަދި އެކަމަށް އެދި ހުށަހެޅުމަށް ޚާއްސަ ފޯމެއްވެސް ރައީސް އޮފީހުން ވަނީ ތަޢާރަފްކޮށްފައެވެ.

ސަރުކާރުގެ 100 ދުވަހުގެ ޕްރޮގްރާމުގެ ހިމެނޭ ކޮރަޕްޝަން ހުއްޓުވުމުގެ ބައިގައި ބުނެފައިވަނީ ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިން ނުވަތަ ފިރިންގެ މުދަލުން މާލީ ބަޔާން ހާމަކުރާނެކަމަށެވެ. އަދި ޤަވާއިދުން އެކަން ރިވިއު ކުރަމުން ގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބައެއް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެބޭފުޅުންގެ މަޤާމުގެ ޙައިސިއްޔަތުން އޮޑިޓަ ޖެނަރަލަށާއި ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަހެޅުމަށް ޤާނޫނުއަސާސީއާ ބައެއް ޤާނޫނުތަކުގައި ލާޒިމް ކޮށްފައިވީނަމަވެސް މާލީ ބަޔާން ޢާންމުކޮށް ފެންނާނެހެން ހާމަކުރަން ލާޒިމުކޮށްފައެއްނުވެއެވެ. އެހެންކަމުން މިއީ މާލީ ބަޔާން އާންމުކޮށް ހާމަކުރުމަށް ލާޒިމުކުރާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަލީ ބަޔާންތައް ޢާއްމުކުރުމަކީ ސަރުކާރުގެ ރީޔާސީ ވައުދެކެވެ.