ސިޔާސީ

ޤައިދީންނާ ގުޅޭ ކަންކަމުގައި ލުއިތަކެއް ހޯދައިދޭން ނިންމައިފި


ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ބޭނުންވާ ގިނަ ކަންތައްތަކެއްގައި ލުއިތަކެއް ހޯދައިދިނުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ، ޖަލުތަކުގެ ޙާލަތު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޤައިދީންނަށް ބޭނުންވާ ބޭސްފަރުވާއާއި ޢާއިލީ ބައްދަލުވުން އަދި އެކަހެރި ބައްދަލުވުންތަކަށްވެސް އެދެވޭ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން އެންމެ އެކަށީގެންވާ ގޮތަކަށް ގެންދިއުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ދެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. ހަމައެއާއެކު ޤައިދީންނަށް ބޭސް ފޯރުކޮށްދިނުމުގައި ލުއިތަކެއް ހޯދައިދިނުމަށް އެސްޓީއޯއާއެކުވެސް ބައްދަލުވުމެއް ބާއްވަވައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"
އެންމެ އަސާސީ އެއްކަންތައް އެއީ ޖަލުތަކުގައި ތިބޭ ޤައިދީންނަށް ބޭސްފަރުވާއާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުން. އަޅުގަނޑުމެން ހަތަރު މަރުހަލާއަކަށް ބަހާލައިގެން ސިއްޙީ ހިދުމަތް ދިނުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުން މިދަނީ
މިނިސްޓަރު އިމްރާން ޢަބްދުﷲ

މީގެ އިތުރުންވެސް މިނިސްޓަރު ވަނީ ޖަލުގައި ތިބޭ ޤައިދީންނަށް ބޭނުންވާ ޢާއިލީ ބައްދަލުވުމަށް ކުރިން ދެމުން އަންނަ 1 ގަޑި އިރުގެ ބަދަލުގައި މިއަދުން ފެށިގެން 2 ގަޑިއިރު، އަދި އެކަހެރި ބައްދަލުވުމަށް މީގެ ކުރިން ދެމުން އަންނަ 12 ގަޑިއިރުގެ ބަދަލުގައި 24 ގަޑިއިރު ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުށެއްގެ ތުހުމަތުގައި ޝަރުޢީ އެއްވެސް ކޯޓަކުން ހުކުމެއް ނުކޮށް ހުންނަ ފަރާތަކަށްވެސް 4 މަހަށްވުރެ ގިނަ ދުވަހު ޖަލުގައި ނުވަތަ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ހުންނަ ނަމަ، އެފަރާތަށްވެސް އެކަހެރި ބައްދަލުވުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ޤައިދީންނާ ވަކީލުން ބައްދަލުކުރުމުގައި މީގެކުރިން ހުރި ދަތިތައް ފިލުވައިލުމަށްޓަކައި އެތެރޭގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވަކީލެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ރަޖިސްޓްރީވާ ބޭފުޅަކަށް ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން ޤައިދީންނާ ވަކީލުން ބައްދަލުކުރެވޭނެ އިންތިޒާމްތަކެއް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.