ޓުއަރިޒަމް

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތަޢާރަފްކުރަނީ


މިއަހަރުގެ ތެރޭގައި ރާއްޖެއަށް "ސްޕޯޓްސް ޓޫރިޒަމް" ތަޢާރަފްކޮށް، ފުޅާ ދާއިރާއެއްގައި އެކަން ކުރިއަރުވަން މަސައްކަތް ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތަޢާރަފްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއިރު، އެމަނިކުފާނު ވަނީ މިކަމާ ގުޅޭގޮތުން ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މިޝެލް ސެލްގާޑޯއާ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް. އެގޮތުން ވަރަށް ބޮޑު އިސްކަމެއްދީގެން ރާއްޖޭގައި މިއަހަރު "ސްޕޯޓްސް ޓޫރިޒަމް" ތަޢާރަފްކުރައްވައި ކުރިއަރުވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަޝްހޫރު ކުޅިވަރު ކުޅުންތެރިން ރާއްޖެ ޒިޔާރަތްކުރި ނަމަވެސް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި "ސްޕޯޓްސް ޓޫރިޒަމް" ކުރިއެރުވިފައިނެތްކަމަށެވެ. އެހެންކަމުން އަމާޒަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ މަޝްހޫރު ޓީމްތައް ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި "ސްޕޯޓްސް ޓޫރިޒަމް" ކުރިއަރުވާނީ މިކަމުގެ ނަފާ ޢާންމު ރައްޔިތުންނަށްވެސް ލިބޭނެފަދަ ގޮތަކަށްކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މި ފެށިގެންދިޔަ އައު އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އުޖާލާ އަހަރަކަށް ހެދުމަށްޓަކައި ކުރިން ނުފެންނަ އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން ސަރުކާރުން ވަނީ، ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އޮންނަ ބަޖެޓުވެސް މީގެކުރީ އަހަރުތަކަށްވުރެ 3ގުނަ މިއަހަރު ބޮޑުކޮށްފައެވެ.