ޚަބަރު

3 އަހަރު ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް - ހަމީދު


މިދިޔަ ތިން އަހަރުގެ ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެކްޓިންގ ޕޮލިސް ކޮމިޝަނަރ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޑްރަގަކީ ގެއްލުންދެނިވި ބޮޑު ވަބާއެއްކަމަށާއި، މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ފުލުހުން ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. މަސްތުވާތަކެއާޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށް ކުއްތާ ބޭނުންކޮށްގެން ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ ދަށުން ފުލުހުންނަށް ލިބޭ މަޢުލޫމާތާ ގުޅިގެން ބައެއް ތަންތަންވެސް ބަލައި ފާސްކުރަމުންދާކަމަށެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ މާލެއާއި، މާލެ ކައިރި ރަށްތައްވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަޙައްދުތަކުގައާއި، ޚާއްޞަ ގޮތެއްގައި ބުރިޖާއި، ހައިވޭ ސަރަހައްދުގައި ޗެކް ޕޮއިންތައް ޖަހައި، ފާރަގެމަ ބޭނުންކޮށްގެންދަނީ ބަލައި ފާސްކުރަމުންނެވެ. ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އާ އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި، އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް ފެށި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.

ކުއްތާ ނުވަތަ ފާރަގެމަ ބޭނުންކޮށްގެން މީގެކުރިންވެސްވަނީ ފުލުހުން އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައި ވެއެވެ.