ޚަބަރު

ބައިނަލްއަޤްވާމީ ޑްރަގް ނެޓްވޯކެއްގައި ހިމެނޭ 3 ދިވެހިން އަތުލައިގެންފި


މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ބައިނަލްއަޤްވާމީ ނެޓްވޯކަކަށް ނިސްބަތްވާ ތިން ދިވެއްސަކު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން އަތުލައިގެންފިއެވެ.

އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަތުލައިގަނެފައިވަނީ ތިން ދިވެހިންނާއި އިންޑިއާގެ ރައްޔިތެކެވެ. މި 4 މީހުންވެސް އަތުލައިގެންފައިވަނީ އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް ފުރަން ތައްޔާރުވަމުންދަނިކޮށްކަމަށް އިންޑިއާ ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން ދިވެހިންނަކީ އުމުރުން 33 އަހަރުގެ އާޒިމް ހަބީބާއި، 33 އަހަރުގެ މުޙައްމަދު ސަފޫފާއި، 30 އަހަރުގެ ޝިފާން އިބްރާހީމެވެ. މީގެ އިތުރުން 30 އަހަރުގެ އިންޑިއާ ރައްޔިތެއްކަމަށްވާ އެންތަނީ ސާމީވެސް މި އޮޕަރޭޝަންގައި ވަނީ އަތުލައިގެންފައެވެ.

މި ހަތަރު މީހުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން ފަސް ދުވަސް ވަންދެން ފާރަލުމަށްފަހުއެވެ. އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 4.5 ކުރޯޑް ރުޕީސް ނުވަތަ 8.9 މިލިއަން ރުފިޔާއަށް އަރާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނެފައިވަނީ އެމީހުން އިނޑިއާއަށް އެތެރެވެގެން އުޅެފައިވަނީ ފަތުރުވެރިންގެ ގޮތުގައިކަމަށާއި، އެމީހުން ނިސްބަތްވަނީ ހޮންގކޮންގެ މާފިޔާ ގްރޫޕަކަށްކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޭނުމުގައި ރާއްޖެއާއި، ސްރީ ލަންކާއާއި، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ޤައުމުތަކަށް އެކިފަހަރު އެތެރވެފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.