ޚަބަރު

ވެލާނާގެ ކައިރީގައި އޮންނަ ހުސް ބިމުގައި ޕާރކިން ޒޯނެއް ހުޅުވައިފި


މާލޭގައި ޕާރކުކުރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ އެއް ސަރަހައްދު ކަމުގައިވާ ވެލާނާގެ ކައިރީގައި އޮންނަ ހުސް ބިމުގައި ޕާރކިން ޒޯނެއް ހުޅުވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ވިދާޅުވީ ހައުސިންގ މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ތަރައްޤީކުރި މި ޕާރކިންގ ޒޯނަކީ 100 އަށްވުރެ ގިނަ ސައިކަލު ޕާރކް ކުރެވޭ ވަރުގެ ޕާކިން ޒޯނެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ އެއީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ސަރަހައްދެއްކަމުން، އެ އޮފީސްތަކުން ޚިދުމަތް ހޯދާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، ޕަރކިންގގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، މެކޭނިކަލް ޕާރކިންގ ސިސްޓަމެއް ބަހައްޓައިގެން އެކަންވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާ، ނަމަވެސް އެއީ އެންމެ ރަނގަޅު ހައްލު ނޫންކަންވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަން އަލުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.

މާލޭގައި ވެހިކަލްތައް ގިނަވެ ޕާރކް ކުރުމަށް ދަތިތަކެއް ދިމާވެފައިވާއިރު، އެކަން ހައްލު ކުރުމަށްޓަކައި މާލެއިން ބިން ހުސްކޮށް، ޕާރކް ކުރެވޭނެ ޖާގަ ހެދުމުގެ މަސައްކަތް ކުރަމުންދާކަންވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.