ކުޅިވަރު

އިމްރާންގެ ލެގަސީއަކީ ކީޕަރުންނަށް ނަމޫނާއެއް - ނިޒާމް


ދިވެހި ފުޓުބޯޅައަށް އިމްރާން ދޫކޮށްފައި ދިޔަ ލެގަސީއަކީ މިހާރުގެ ގޯލްކީޕަރުންނަށް ނަމޫނާއެއްކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ނިޒާމް ވަނީ އިމްރާންގެ ހާއްސަ މެޗްގައި އިމްރާންގެ ޓީމާ ދެކޮޅަށް ނުކުތް އެފްއޭގެ ޓީމަށް ކުޅެ ގޯލެއްވެސް ޖަހާފައެވެ. ނިޒާމް ބުނީ އިމްރާން ފަދަ ދިވެހި ފުޓުބޯޅައަށް ބޮޑު ހިދުމަތެއް ކޮށްދީފައިވާ ކުޅުންތެރިއެއްގެ އަގުވަޒަން ކުރުމަށް ކުޅުނު ހާއްސަ މެޗްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އިމްރާންގެ ފެންވަރާއި ކާމިޔާބީތައްވެސް އެހެން ކުޅުންތެރިންނާ ތަފާތު ކަމަށް ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ، ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ކީޕަރަށް އިމްރާންވުމަކީ އިމްރާން ޚާއްސަވާ ސަބަބެއްކަމަށެވެ. އަދި އަރަމުން އަންނަ ކީޕަރުން އިމްރާންގެ ފުޓުބޯޅަ ހަޔާތް ނަމޫނާއަކަށް ބަލާ އޭނާގެ ކެރިއަރުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށެވެ.

" ހަގީގަތުގަ ދިވެހި ފުޓުބޯލައަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ކުޅުންތެރިއެއްގެ ގޮތުަގަ އިންމަ ބަލައިގަންނަން ޖެހެނީ، އެއާއެކު އިންމަ ކެރިއަރުގަ ދޫކޮށްފަ ދިޔަ ލެގަސީ. މިހާރުގެ ގޯލްކީޕަރުން އެއިން ފިލާވަޅު ނަގައިގެން އެގޮތަށް މަސަައްކަތް ކުރަން ރަނގަޅު ނަމޫނާއެކޭ ބުނަންޖެހޭނީ ދޫކޮށްފަ އެ ދިޔައީ" ޓީސީގެ ކޯޗް ފާހަގަކުރިއެވެ.