ވިޔަފާރި

މި އަހަރު ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ


ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިހިނގާ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނައުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދަޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތް ރަސްމީކޮށް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އައު އަހަރާއިއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އައު އުއްމީދުތަކެއް މިނިސްޓްރީން ގެންގުޅޭކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކަށް އަމަލީ ސިފަ ގެނެސް މިދާއިރާއަށް މުހިއްމު ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
ޓޫރިޒަމް ސިނާއަތަކީ ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަށް މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާނަން. އެގޮތުން އެއަރޕޯޓްވެސް އިތުރަށް ތަރައްޤީކުރާނަން
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު


ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އައު އަހަރާއެކު މިދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރައްވާނެކަމަށެވެ. މިގޮތުން މަސައްކަތުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއިއެކު އެކިކަންކަމުގައި މިހާރުވެސް މަޝްވަރާބައްދަލުވުންތައް ބާއްވަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ ގޮތުން ބައިނަލްއަޤްވާމީ މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މިއަހަރު ވަނީ 3 ގުނަ ބޮޑު ބަޖެޓެއް ކަނޑައަޅާފައެވެ.
މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ، 154.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.