ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާން ސަފީރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެޤައުމުގެ ގުޅުމަށް މިހާރު 52 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާއިފައެވެ. އަދި އެމަނިކުފާނު ވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް މީގެ ކުރީގައި ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ފަހިކޮށްދީފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުންއިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ތަޢުލީމީ ދާއިރާއާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތާގައިވެސް ޕާކިސްތާނުން ރާއްޖެއާއެކީ މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.