ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކުރަން ނިންމައިފި


ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު"ގެ ނަމަށް، ބަދަލު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު"ގެ ނަމަށް، ބަދަލު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލު ކުރެއްވުމަށް ނިންމަވާފައިވާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމަށާއި ޤުރުއާން ޢިލްމާއި ގުޅޭ ތާރީޚް ދިރާސާ ކުރުމުގެ އިތުރުން ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ތަމްސީލް ކުރާނެ ބައިވެރިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒެކެވެ.

މީގެ އިތުރުންވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދަނީ ހުނަރުވެރި ޤާރީން އުފެއްދުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށާއި ރާއްޖޭގެ މިސްކިތްތަކުގައި ހަރަކާތްތެރިވާނެ އިމާމުން ތަމްރީން ކުރުމަށް ތަފާތު އެކިއެކި ފެންވަރުގައި ޤުރުއާން ޢިލްމާއި ގުޅޭ ކޯސްތައް ހިންގަމުންނެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހިންގަމުން ދަނީ އިސްލާމިކް މިނިސްޓްރީގެ އޮނިގަނޑުގެ ދަށުންނެވެ.