ޚަބަރު

ތަޙްޤީގުތައް ނިންމިނަމަވެސް ކްރިމިނަލްކޯޓުގައި މިހާރުތިބި ޤާޟީން ތިބެގެން އިންސާފު ނުލިބޭނެ - ޙުސްނުއްސުޢޫދު


މަރުގެ މައްސަލަތަކުގެ ތަޙްޤީގުތައް ކިތަންމެ ރަނގަޅަށް ކުރިއަށްގެންގޮސް ކޯޓަށް ފޮނުވިނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފުލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޙުސްނުއްސުޢޫދު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ގިނަ މަރުގެ މައްސަލަތަކެއް ކޯޓުން ސާބިތުނުވެ، ދޫވުމުގެ ސަބަބުން އިންސާފައް ވާސިލު ނުވެވޭކަމުގެ އިހްސާކުރެވިގެން ވަރަށް ގިނަ ބަޔެއްގެ ޝަކުވާތަކެއް އެބަހުރިކަމަށެވެ.

"މިހާރު މިސާލަކަށް އެބަހުރި ދެއަހަރު، ތިން އަހަރު، ހަތަރު އަހަރުވެފައި ހުރި މަރުގެ މައްސަލަތައް ކޯޓުގައި ނުނިމިއެބަހުރި. ނަތީޖާއަކަށް ވަނީ އެމައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ކޯޓުން ދޫކޮށްލުން. އެމީހުން އައިސް ރަޝުތެރޭގައި މިއުޅެނީ. ދެން ބަންދުގައިވެސް ބޭތިއްބޭނީ ވަކި މިންވަރަކަށް. އެހެންވިއްޔާ ކީއްވެތޯ އެމުއްދަތުގެ ތެރޭގައި މައްސަލަ ނުނިންމެނީ"

ޙުސްނުއްސުޢޫދު ވިދާޅުވީ ކޯޓުގެ ނިޒާމުގެ ތެރެއިން، ކޯޓުގެ މުވައްޒަފުންނާއި، ބައެއް ފަނޑިޔާރުން ކޮންމެވެސް ވަރަކަށް ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތުނުކޮށް އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާފައި އެބަހުރިކަމަށާއި، ހެކިންނަށް ބިރުދެއްކުމާއި، ހެކިންގެ ސިއްރު ފާޅުކުރުންފަދަ ކަންބޮޑުވާ އެތައް ކަންތައްތަކެއް އެބްހުރިކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ވަނީ މިވަގުތައް 25 މައްސަލައެއް ބެލުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.