ޚަބަރު

ޤަވައިދާއި ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށައިފި


ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިހާރަކަށް އައިސް ދޮށީގެ މަސްވެރިކަންކުރާ ފަރާތްތައް ނޫން އެހެން ފަރާތްތަކުން އޮއިވާލި ކަނދުފަތިތައް ކައިރީގައި މުނިފޫހިފިލުވުމަށްޓަކައި، ދިރޭ އެންޖަހައިގެން އަޑިއަށް ފައްތައިގެން އަދި ވަދު އަޅައިގެން މަސްވެރިކަންކުރާކަން ފާހަގަވެފައިވާކަމަށެވެ. މިއީ މަނާ ކަމެއްކަމަށާއި މިގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ކޯސްޓް ގާޑާއި ފުލުހުންނާއި ފިޝަރީޒް މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

އޮއިވާލި ކަނދުފަތީގެ ވިއުގައަކީ ދޮށީގެ މަސްވެރިކަމުގެ ސިނާޢަތަށް ޚާއްސަ އަދި މުޙިއްމު ވަސީލަތަކަށްވާއިރު ކަނދުފަތީގެ ސަރަޙައްދުގައި ވަދު ބޭނުންކޮށްގެން މަސްވެރިކަންކުރުމާއި ދިރޭ އެންޖަހައިގެން މަސްވެރިކަންކުރުމަކީ އެސަރަޙައްދުން މަސް އައިން ތިލަވުމަށް އަދި މަސް އައިން ހިފެހެއްޓުމަށް އަސަރުކުރާނެ ކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ޤާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައަކީ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ޚާއްސަކޮށް، މަސްވެރިކަމުގެ ތަރައްޤީއަށްޓަކައި މިނިސްޓްރީގެ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ބަލަމުންދާ މަސްވެރިކަމުގެ މުޙިއްމު ވަސީލަތެކެވެ. އެހެންކަމުން ޤަވާއިދާއި ޚިލާފަށް މިސަރަޙައްދުތަކުގައި މަސްވެރިކަންކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.