ޚަބަރު

އިތުރު 3 ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރތައް ޤާއިމުކުރަނީ


މާލޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރތައް ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ޖެންޑަރ މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަދަކައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވީ މާލެފިޔަވައި ރާއްޖޭގެ 3 ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރތައް ޤާއިމުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށެވެ. އެގޮތުން ހދ. އަތޮޅާއި، ގދ. އަތޮޅާއި އައްޑޫސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ ޙަސަން ޝަހީލް ވިދާޅުވީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ ހާހަކަށްވުރެ ގިނަ މީހުންނަށް ފަރުވާ ނުދެވިވާކަމަށެވެ. ނަމަވެސް އަލަށް ޤާއިމުކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރތަކާއެކު މިމައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއުމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.