ޚަބަރު

ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ - އީސީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން އަންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ބައެއް ފަރަތްތަކަށް ޓިކެޓް ދީފައިވާއިރު، އަލަށް އުފައްދާ ޕީއެންސީގެ ނަމުގައި ވާދަ ނުކުރެވޭނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޕީއެންސީއަކީ ވުޖޫދަށް އައިސްފައިވާ ޕާޓީއެއްނޫންކަމަށާ، އެޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހަމަކުރިކަމަށް ބުނިނަމަވެސް އަދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާކަމަށެވެ. ތިންހާސް މީހުން ހަމަކޮށްފައި އީސީއަށް ހުށައެޅިނަމަވެސް އެ ފޯމްތައް ޕްރޮސެސްކުރުމަށް ވަގުތުނަގާނެކަމަށާއި، އެހެންކަމުން ޕީއެންސީގެ ފަރާތުން މަޖިލީހުގެ އިންތިޚަބުގައި ވާދަކުރެވޭނެކަމަށް ނުވަތަ ނުކުރެވޭނެކަމަށް ނިންމުން އަދި އަވަސްކަމަށެވެ.

ނަމަވެސް ތިންހާސް މީހުންގެ ސޮޔާއެކު ހުށަހަޅައި ޕާޓީ ރަޖިސްޓްރީވެއްޖެނަމަ އެޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނޯންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރޭ އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެފައިވަނީ، ރައީސް ޔާމީން އެހެން ޕާޓީއަކަށް ވަޑައިގަތުމަށްފަހު ކުރިން މަޖިލީހުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ދެއްވި ފަރާތްތަކަށް އައު ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެކަމަށާއި، އެއީ ޤާނޫނު ތަންދޭކަމެއް ނޫންކަމަށެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ޕީޕީއެމުން މަޖިލީހުގައި ވާދަކުރާ ފަރާތްތަކަށް ޓިކެޓް މިހާތަނަށް ދީފައިވަނީ ޕްރައިމަރީއަކާ ނުލާކަމަށާއި، އަދި އެޕާޓީގެ ޕްރައިމަރީއެއް ބާއްވާފައި ނުވާކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިން ފަރާތްތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިނުވާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙުގައިވަނީ، ސިޔާސ ޕާޓީއެއްގައި ރަޖިސްޓަރ ކޮށްފައިވާ މެންބަރަކު، ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެއިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށެވެ.