ޚަބަރު

ޗައިނާ ސިލްކް ރޫޓަށް ދިވެހިރާއްޖެއިން އެއްބާރުލުންދޭނެ - ފޮރިންގ މިނިސްޓަރ


ޗައިނާއިން ކުރިއަށް ގެންދާ ޗައިނާ ސިލްކް ރޫޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް އެއްބާރުލުންދީ، އެ މަޝްރޫޢުގެ ދަށުން ރާއްޖެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަންކަން ކުރިއަށްގެންދަވާނެކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ. ފޮރިންގ މިނިސްޓަރ މިހެން ވިދާޅުވީ، ޗައިނާގެ ޝިންހުއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ ގުޅުން މިސަރުކާރުން އިތުރަށް ހަރުދަނާކުރައްވާނެކަމަށެވެ. ޗައިނާގެ އިޤްތިޞާދަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުކަމަށާ ދުނިޔޭގެ އެހެނިހެން ބޮޑެތި އިޤްތިޞާދުތައް ޗައިނާއާއިއެކު މަސައްކަތްކުރަމުން އަންނައިރު ރާއްޖެއިންވެސް އެ ޤައުމާކު ކުރިއަށްދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ. އަދި ޗައިނާގެ އިޤްތިޞާދުން ރާއްޖެއަށްވެސް ފައިދާދަތަކެއް ކުރާނެކަމަށްވެސް ފޮރިންގ މިނިސްޓަރާ ޙަވާލާދީ އެނޫހުގައިވެއެވެ.

ޗައިނާ ސަރުކާރުގެ ތަރުޖަމާނަކާ ޙަވާލާދީ އެނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި، ޗައިނާ އިސްވެ އޮވެ ކުރިއަށްގެންދާ ޗައިނާ ސިލްކް ރޫޓް މަޝްރޫޢުގެ ދަށުން ރާއްޖެއިން ކުރިއަށްގެންދަންޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށާ، އެކަމަށް ޗައިނާ ސަރުކާރުން މަރުޙަބާކިޔާކަމަށެވެ.

އަދި ރާއްޖެއާއެކު އެ މަޝްރޫޢުތައް ކުރިއަށްގެންގޮސް ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ޗައިނާ ސަރުކާރުވެސް އޮތީ ތައްޔާރަށްކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާކަމަށް އެނޫހުގައިވެއެވެ.
ސިލްކް ރޫޓަކީ، ޗައިނާ އިސްވެ އޮވެ ދުނިޔޭގެ ވިޔަފާރީގެ ރޮނގުން ކަނޑުމަގުންނާއި އެއްގަމު މަގުން ގުޅުވާލުމަށް ފަށާފައިވާ ބިޔަ މަޝްރޫޢުއެކެވެ.

ރާއްޖޭގެ އިތުރުން މިސަރަހައްދުން އިންޑިއާއާއި ސްރީލަންކާވެސް ސިލްކް ރޫޓްގައި ބައިވެރިވެފައިވާއިރު، ސިލްކް ރޫޓްގައި ބައިވެރިވުމަށް ރާއްޖެއިން ނިންމާ އެކަން އިޢުލާންކޮށްފައިވަނީ، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.