ޚަބަރު

ފޮރިންގ މިނިސްޓްރީގެ ޢިމްރާތުގެ ޖާގަ އިތުރުކުރުމަށް ޗައިނާ ސަރުކާރާއެކު ސޮއިކޮށްފި


ފޮރިންގ މިނިސްޓްރީގެ ޢިމްރާތުގެ ޖާގަ އިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ފޮރިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތް މަރާމާތުކުރުމާ ގުޅޭ ލެޓަރސް އޮފް އެކްސްޗޭންޖުގައި ދިވެހި ސަރުކާތުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޚަލީލެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޝަންގް ލިޝޯންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލު ވިދާޅުވީ، ފޮރިންގ މިނިސްޓްރީގެ ޢިމާރާތަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭނެ ރަމްޒެއްކަމަށެވެ. އަދި އަބަދުވެސް އެގޮތުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތް ނިމޭއިރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި މި މަސައްކަތް ނިމުމުން، މިނިސްޓްރީން ދޭ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.