ޚަބަރު

ރެޑިކަލްގެ ނަމުގައި ޕާޓީ ހަދަން ހުއްދަ ދިނުމުން ޑިފެންސް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި


ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާތީ ޑިފެންސް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާބަން ޑިކްޝަނަރީގައި "ރެޑިކަލް" އަކީ ހަރުކަށި ވިސްނުމަށް ކިޔާ ނަމެއް ކަމަށާއި އެންމެ ރަނގަޅީ މެދު މިންވަރު ކަމަށެވެ. އެހެން ކަމުން ރެޑިކަލް ޕާޓީގެ ވިސްނުމާމެދު މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިން ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސް އަކީ ކުރިން ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅި ފަރާތުން އެނަން މުރާޖައާ ކުރުމަށްފަހު ހުށަހެޅި ނަމެކެވެ.

އިލެކްޝަންސް ކޮމިޝަނުން ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅިގެން ޑިފެންސް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، އީސީން އެ ހުއްދަ ދިނުމުން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވަމުން އަންނައިރު، ގިނަ ސިޔާސީ ޕާޓީތަކެއް އުފެއްދުމަށް ގިނަ ފަރާތްތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދީފައިވާއިރު، ޕީޕީއެމްގެ އިސް ފަރާތްތަކުން ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ އީސީން ވަނީ ދީފައެވެ.