ޚަބަރު

އިހަވަންދޫގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފަށައިފި


ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، މިސްކިތް ތަކުގައި ޤުރުއާން ކިޔަވާދޭން ފެށުމުގެ ވަޢުދުގެ ދަށުން އިހަވަންދޫގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފަށައިފިއެވެ.

އިހަވަންދޫގައި މި ޕްރޮގްރާމް ފެށުމަށްޓަކައި އެރަށުގައި ހުންނަ، ނަސްރު މިސްކިތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިހަވަނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ މިޕްރޮގްރާމްގެ މަޤްޞަދަކީ ކުދިންގެ ހިތްތަކުގައި ޤުރުއާން ކިޔެވުމުގެ އާދަ އަށަގަންނުވައި، ޤުރުއާނަށް ލޯބިޖެއްސުމާއި މިސްކިތްތަކަށް ދަރިވަރުން އަހުލްވެރިކުރުވުން ކަމަށެވެ.

އިހަވަންދޫގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ކުލާސްތަކުގައި މިހާތަނަށް 215 ކުދިން ބައިވެރިވެފައި ވާއިރު، މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް ހުޅުވާލާފައިވާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.

މި ޕްރޮގްރާމް އިހަވަންދޫގެ 5 މިސްކިތެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު މި ޕްރޮގްރާމްގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ މިސްކިތް ތަކުގެ އިމާމުންނާއި މުދިމުން ކަމަށްވެސް އެ ރަށު ކައުންސިލުން ބުނެއެވެ.

މިޕްރޮގްރާމް ކުރިއަށްދާއިރު، މިސްކިތްތަކުގެ މެދުގައި ޤުރުއާން ކިޔެވުމުގެ ވާދަވެރި މުބާރާތެއް ބޭއްވުމަށް ކައުންސިލަރުންގެ މެދުގައި މަސްވަރާކުރެވިފައިވާއިރު، ކުދިންނަށް އިތުރު ތަމްރީނު ދިނުމަށް ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީން ގެނައުމަށް ނިންމާފައިވާކަމަށްވެސް އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިސްކިތްތަކުގެ ޤުރުއާން ކިޔެވުމުގެ ޕްރޮގުރާމު މި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ސަރުކާރުުން ފަށާފައިވާއިރު، ފުރަތަމަ މި ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 11 އަތޮޅެއްގެ 17 ރަށެއްގެ މިސްކިތްތަކުގައެވެ.