ކޮންމެ ހަފްތާ ބަންދެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ "ހަފްތާރެސް" ވީކެންޑް މާކެޓް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމްކުރާ ހަފްތާރެސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ރަސްފަންނު ސަރަޙައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ޑރ.އިބްރާހީމް ހަސަނެވެ.
ހަފްތާރެސް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނު ވަނީ ހަފްތާރެސްގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ޢާއްމުންނާ ބައްދަލުކުރައްވާފައެވެ. ސްޓޯލްތައް ބައްލަވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ސަރުކާރުން ވަރަށް މުހިންމު ކަމެއްގެގޮތުގައި ޒުވާނުންނަށްޓަކައި ފެށި މާކެޓެއްކަމަށާއި، މާކެޓްގެ ފުރަތަމަ ރެއިންވެސް، މިފަދަ މާކެޓެއްގެ ބޭނުންތެރިކަން އެނގިގެން ހިނގައްޖެކަމަށެވެ.
ހަފްތާރެސް ރަސްމީކޮށް ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ތަޢުލީމީ ނިޒާމުގެތެރެއިންވެސް ހުނަރު ތަރައްޤީކުރުމަށް ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ސަރުކާރުން ޤާއިމުކޮށްދެއްވާފައިވާކަމަށެވެ. އެގޮތުން ޕޮލިޓެކްނިކްގައި ޒުވާނުންގެ ހުނަރު ދައްކާލުމަށް ޚާއްސަ ހަބެއް ޤާއިމުކޮށްފައިވާކަމަށާއި، ކޮންމެ ޒުވާނަކަށްވެސް މި ޔޫތް ހަބުގައި ހުނަރު ދައްކާލުމުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ.
ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
ހަފްތާރެސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ މިފުރުސަތަކީ ވަޒީފާއާއި ކުރިއަށްދެވޭނެ މަގެއްނެތް ގިނަ ޒުވާނުންނަށް ޢާމްދަނީ ހޯދުމަށް ކުރިމަތިވެފައިވާ ދަތިކަމަށް އޮތް ޙައްލެއްކަމަށެވެ.
ހަފްތާރެސްގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވާއިރު، މިހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކަނބަލުންނާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ. ހަފްތާރެސްގެ ފުރަތަމަ މަރކެޓްގައި 55ސްޓޯލް ހިމެނެއެވެ.
ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކެންޑް މާކެޓެއް ބޭއްވުމަށް ރައީސް ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.