ޚަބަރު

ތިލަފުށި ބިން ނުހިއްކާ، އެކަމަކު ހެވީލޯޑަށް 162 މިލިއަން ރުފިޔާދިން - އޮޑިޓް


މާލެއަތޮޅު ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމަށް ހަވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުންޏަށް އެ މަޝްރޫޢު ކުރިއަށް ނުގެންދެވުނު ނަމަވެސް، އެކުންފުންޏަށް 162 މިލިއަނާ އެއްވަރުގެ ބަދަލެއް ކުރީގެ ސަރުކާރުން ދީފައިވާކަން މަޝްރޫޢުގެ ޚާއްޞަ އޮޑިޓަކުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ތިލަފަޅު ބިން ހިއްކުމާބެހޭ ޚާއްޞަ އޮޑިޓް ރިޕޯޓްގައިވާގޮތުން ރައީސް ނަޝީދުގެ ސަރުކާރުން ތިލަފުށިން 156.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ހެވީލޯޑާ ހަވާލުކޮށްފައިވަނީ، 323 މިލިއަން ރުފިޔާއަށް 30 ސެޕްޓެމްބަރ 2010 ގައެވެ. އެހެންނަމަވެސް 24.4 ހެކްޓަރުގެ ބިން ހިއްކުމަށްފަހު 2011 ވަނަ އަހަރު އެކުންފުނިން މަޝްރޫޢު މެދު ކަނޑާލައި، ފަހުން އެ މަޝްރޫޢު ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައި ވާގޮތުން ކުރީގެ އެމްޑީޕީ ސަރުކާރާއި، ޕީޕީއެމް ސަރުކާރުންވެސް ތިލަފަޅު މަޝްރޫޢު ހިނގި ހެވީލޯޑް ކުންފުންޏަށް ނާޖާއިޒު ގޮތުގައި މާލީ މަންފާތަކެއް ހޯދައިދީފައިވެއެވެ. އެގޮތުން 2010 ވަނަ އަހަރު މި މަޝްރޫޢު ހިންގުމަށް ހެވީލޯޑް ކުންފުންޏާ ހަވާލުކުރިއިރު ތިލަފުށި ކޯޕަރޭޝަންގެ މާލީ ޙާލަތަށް ބަލައި އެ ކުންފުންޏަށް އެންމެ ފައިދާ ބޮޑީ އެމްޓީސީސީން ހުށަހެޅި ޕްރޮޕޯސަލް ކަމަށް ބެލެވުނު ނަމަވެސް އެކަންކަމަށް ރިޢާޔަތްނުކޮށް ހެވީލޯޑަށް ބިންހިއްކުމަށް ހަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ހެވީލޯޑް ކުންފުންޏާ ހިއްކަން ހަވާލުކުރި 156 ހެކްޓަރުގެ ބިމުގެ ތެރެއިން އެކުންފުނިން ހިއްކާފައިވަނީ އެންމެ 24 ހެކްޓަރުގެ ބިން ނަމަވެސް، 2014 ވަނަ އަހަރު އެ މަޝްރޫޢުގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށްފަހު އެކުންފުންޏަށް ދިން ފައިސާ ހިމެނޭގޮތުން މަޝްރޫޢުގެ އަގުގެ ދެބައިކުޅަ އެއްބަޔަށްވާ 162 މިލިއަން ރުފިޔާއާ އެއްވަރުގެ މާލީ މަންފާއެއް އެކުންފުންޏަށް ލިބިފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުންޏަށް، ތިލަފަޅު ހިއްކުމުގެ މަޝްރޫޢުން މާލީ ބޮޑެތި މަންފާތަކެއް ކުރީގެ ސަރުކާރުން ހޯދައިދީފައިވާކަން ހާމަވާއިރު، މި ނޫންވެސް ގިނަ ނާޖާއިޒު ފައިދާތަކަކާއި ލުއިތަކެއް އެކުންފުންޏަށް ދީފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއެވެ. އޮޑިޓް ރިޕޯޓްގައި މިފަދަ 14 ކަމެއް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ ތިލަފުށި ބިން ހިއްކުމާއި އެ ތަނުގައި ސިނާޢީ ސަރަހައްދެއް ތަރައްޤީ ކުރުމަކީ ޤައުމީ ފެންވަރުގެ ތަރައްޤީގެ މަޝްރޫޢަކަށް ވީނަމަވެސް ޤައުމީ ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި ކެބިނެޓް ލެވެލްގައި އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ވަގުތީގޮތުން މެދު ކަނޑާލާފައި ހެވީލޯޑުން އޭރު ކުރިއަށްގެންދިއަ އެހެން މަޝްރޫޢެއްގައި ބޭނުންކުރުމަށް ތިލަފަޅުގައި ބިން ހިއްކުމަށް ބޭނުންކުރި ޑްރެޖަރު ގެންދިއުމުގެ ހުއްދަ ދިނުމާއި، އެފްއެސްއެމް މެދުވެރިކޮށް ހެވީލޯޑަށް ހަމަޖައްސައިދީފައިވާ ތެލުގެ 5 މިލިއަން ރުފިޔާގެ ކްރެޑިޓް ލިމިޓްގެ ތެރެއިން އެކުންފުނީގެ އެހެން މަޝްރޫއުތަކަށްވެސް ތެޔޮ ދޫކުރުމާއި، މި އެއްބަސްވުމަށް ސުލްޙަވެރި ނިންމުމެއް ގެނައުމުގެ ބަދަލެއްގެ ގޮތުންކަމަށްބުނެ ލ. އަތޮޅުގެ 3 ފަޅުރަށް ހެވީލޯޑް ކުންފުންޏަށް 50 އަހަރަށް ކުއްޔަށްދިނުމަށް 2014 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން މޫސާ މަނިކު އެޕާޓީ ދޫކުރައްވާ ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައި އެންމެ ފަހު ދުވަހާ ހަމައަށްވެސް މޫސާ މަނިކު ވަނީ އިސްކޮށް މަސައްކަތް ކޮށްފައެވެ. އަދި އެމަނިކުފާނު ޗެއަރޕާރސަންކަން ކުރެއްވި އެމްޑީޕީއާއި، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މޫސާ މަނިކު ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައިވެއެވެ. ނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުން ލިބިވަޑައިގަތް ބޮޑު ނާކާމިޔާބީއާއެކު މޫސާ މަނިކު މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.