މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ޗެއާރޕާރސަންއަށް ޝިވާޒް އަބްދުﷲ އިންތިޚާބުކޮށްފިއެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ އެގްޒެކްޓިވް ބޯރޑް އެކުލަވާލާފައިވާއިރު މި ބޯރޑުގެ ޗެއާރޕާރސަންކަމަށް ހޮވިފައިވަނީ ފިލްމީ ދާއިރާގައި ކެމެރާމެނެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވާ ޝިވާޒް އަބްދުﷲއެވެ.
ބޯޑްގެ ވައިސް ޗެއާރޕާސަންގެ މަޤާމަށް ފިލްމީ ތަރި ނިއުމާ މުހައްމަދު އިންތިޚާބުވިއިރު ޖެނަރަލް ސެކްރެޓަރީއަކަށް އިންތިޚާބުވެފައިވަނީ ފިލްމީ ތަރި ޔޫސުފް ޝަފީއުއެވެ. ޚަޒާންދާރަކަށް ޖާދުﷲ އިސްމާޢިލް އިންތިޚާބުވިއިރު ބޯޑް މެމްބަރުންނަށް ހޮވިފައިވަނީ އަހުމަދު ޒިޔާއާއި މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް މުހައްމަދެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯރޑަށް އައު މެމްބަރުން އިންތިޚާބުކުރާއިރު މިއީ މި އެސޯސިއޭޝަންގައި ހިމެނޭ މެމްބަރުންގެ ވޯޓުން އިންތިޚާބުކުރާ ބޯޑެކެވެ. މި ފަހަރުގެ އިންތިޚާބުގައި އެގްޒެކެޓިވް ބޯޑް ހޮވާފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެމުން މޯލްޑިވްސް ފިލްމް އެސޯސިއޭޝަންއަށް އަލަށް އިންތިޚާބުވި ޗެއާރޕާރސަން، ޝިވާޒް އަބްދުﷲ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ފިލްމް އެސޯސިއޭޝަންގެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ފަރުވާކުޑަކުރެވި، އަޅާނުލެވިކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނުލިބި އެތަކެއް ގޮންޖެހުންތައް ލިބުނުނަމަވެސް ކުރިއަށް އޮތް ދައުރުގައި މިކަންކަން ހައްލުކުރައްވާ ފިލްމް އެސޯސިއޭޝަން ޤައުމީ ފެންވަރަކަށް ބިނާކުރައްވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.
ފިލްމް އެސޯސިއޭޝަނަށް އައު މެމްބަރުން އައްޔަންކުރުމާއެކު އެއެސޯސިއޭޝަންގެ އަމާޒަކީ ކުރިއަށްހުރި އަހަރުތަކުގައި ފިލްމީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ފިލްމީ ދާއިރާ ހަރުދަނާކުރުންކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ.