ޚަބަރު

"ރެޑިކަލް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދީފި


ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކުރިން ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފަރާތުން އެނަން މުރާޖާ ކުރުމަށްފަހު ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީއަށް އެ ހުއްދަ ދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިއަދު ރަޖިސްޓްރީކޮށްދިން އެމްޓީޑީގެ އިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށާ އަދި އިތުރު ދެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ އަހަރުގެ ތެރޭގައި 11 ނުވަތަ 12 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދީފައެވެ. އަދި ޕީޕަލްސް އެކްޝަންގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަންވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ހުއްދަދީފައެވެ.

މީގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ނަމުގައި އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވަންޖެހޭ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން ވަނީ އެޕާޓީއާއި ހަވާލުކޮށްފައެވެ.