ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޕޮއިންޓްމެންޓް ސިސްޓަމެއް ޤާއިމުކުރަނީ


ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޕޮއިންޓްމެންޓް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ދިރާގާއި ހަވާލުކޮށްފިއެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޕޮއިންޓްމެންޓް ސިސްޓަމް ޤާއުމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ހެލްތް މިނިސްޓްރީގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއެވެ. އަދި ދިރާގެގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ކަސްޓަމަރ ސަރވިސަސް އެންޑް ސޭލްސް ޢަލީ ރިޔާޒެވެ. ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ އެކްޓިންގް ސީއީއޯ ޑރ.މުޙައްމަދު ވަޙީދެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލަކީ ހދ.އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ޚިދުމަތް ހޯދަމުންއަންނަ މައި ހޮސްޕިޓަލްކަމަށްވާއިރު، މި ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި އަމާޒުގެ ދަށުން އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާއިރު ރަނގަޅު ފެންވަރެއްގެ އެޕޮއިންޓްމެންޓް ސިސްޓަމްއެއް ޤާއިމުކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ނެޓްވޯކްގެ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދިރާގާއި ހަވާލުކޮށްފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ކުދުއްފުށީ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގަން ކުރީގެ ސަރުކާރުން ގިނަ ބޭރުގެ ފަރާތްތަކަކާއި ހަވާލުކޮށް އެކަން ނާކާމިޔާބުވެފައިވަނީ. މި ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް މި ހޮސްޕިޓަލް ތަރައްޤީކުރުމަށް ބޮޑެތި ޕްލޭންތަކެއް ކޮއްފައިވާނީ. މި މަސައްކަތުގެ ދަށުން ހޮސްޕިޓަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރެވޭނެ." މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޕޮއިންޓްމެންޓް ސިސްޓަމް ޤާއުމުކުރުމަށް ދިރާގައި ހަވާލުކުރި މި ޕްރޮޖްކްޓަކީ ދައުލަތުގެ ބަޖެޓުން 332625.51 (ތިން ލައްކަ ތިރީސް ދެހާސް ހަސަތޭކަ އަށާވީސް ރުފިޔާ ފަންސާސް އެއް ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ދެމަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ދަށުން، އެޕޮއިންޓްމެންޓް ހެދުމުގައި ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅާ މީހުންގެ ފޯންކޯލްތަކަށް ޖަވާބު ނުދެވިދާ ފަހަރުތަކުގައި އެފަދަ ކޯލްތަކަށް ފަހުން ޖަވާބުދެވޭނެ ޚިދުމަތާއި، ހޮސްޕިޓަލް ނެޓްވޯކް އަޕްގްރޭޑްކުރުމާއި، ހޮސްޕިޓަލުގައި ބޭނުންކުރާ ފޯނުތައް އައިޕީ ފޯނުތަކަށް ބަދަލުކުރުމުގެ އިތުރުން ކްލައުޑް ވޮއިސްގެ ޚިދުމަތް ލިބި ފޯނު ކޯލްތައް މެނޭޖްކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

ކުދުއްފުށި ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން ތިއޭޓަރ ކޮމްޕްލެކްސްއެއްވެސް މިހާރު ވަނީ ހުޅުއްވާފައެވެ. އަދި މިދިޔަ މަހު އެ ހޮސްޕިޓަލްގައިވަނީ ބެހެއްޓި ސީޓީ ސްކޭން މެޝިނުގެ ޚިދުމަތް ދިނުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.