ޚަބަރު

ހެނބަދޫ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި


ޗަންޕާ ބްރަދާސްއިން ނ. ހެނބަދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމައި އެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ނ. ހެނބަދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ ގާތްގަނޑަކަށް 18.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. އަދި މި މަޝްރޫޢަށް ފަންޑުކޮށްފައިވަނީ ޗަމްޕާ ބްރަދަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ހެނބަދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް ފަށްޓަވައިދެއްވީ، މިއަދު އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނާއި ނަރުދަމާ ފަދަ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ޙިއްޞާ ކުރައްވާފައެވެ. އެގޮތުން އެފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށާއި، ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ހެނބަދޫގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް މީގެ ކުރިން ޤާއިމުވެފައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެރަށުގެ މީރު ފެން ފަށަލަ އެއްކޮށް ތަޣައްޔަރުވެ، އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް އަލަށް އެރަށުގައި ޤާއިމުކުރި ނަރުދަމާ ނިޒާމާއެކު ރަށުގެ ފެން ފަށަލަ ހިމާޔަތްކުރެވި ސިއްޙީގޮތުންވެސް ހެނބަދޫގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ވިދާޅުވިއެވެ.

ޗަމްޕާ ބްރަދަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހެނބަދޫގައި ޤާއިމުކުރި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން މުޅި ރަށުގައި ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް ޕަންޕް ސްޓޭޝަނަކާއި، އިދާރީ އިމާރާތަކާއި، އައުޓް ފޯލް ޕައިޕްލައިން ވަނީ އަޅާފައެވެ. އާބާދީގައި ގާތްގަނޑަކަށް 700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހެނބަދޫގައި ޤާއިމުކުރި ނަރުދަމާ ނިޒާމުގެ ސަބަބުން، އެރަށުގެ ޢުމްރާނީ ތަރައްޤީއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.