ވިޔަފާރި

ސާކް ވުމަން އެންޓަޕްރިނިޔާރ އޮފް ދަ އިޔަރ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ސާކް ވުމަން އެންޓަޕްރިނިޔާރ އޮފް ދަ އިޔަރ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވިމެންސް އެންޓަޕްރިނިޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ސާކް ވުމަން އެންޓަޕްރިނިޔާރ އޮފް ދަ އިޔަރ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

މި އެވޯޑަކީ ސާކްގެ ޤައުމުތަކުގެ ތެރެއިން އަމިއްލަ ވިޔަފާރިތައް ހިންގާ އަންހެނުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަރާތަކަށް ސާކުން ދޭ ބައިނަލްއަޤްވާމީ އެވޯޑެކެވެ. މިފަހަރު މި އެވޯޑު ދިނުމުގެ ރަސްމީ ޙަފްލާ ކުރިއަށްދާނީ އަންނަ އަހަރުގެ މާޗް މަހު ސްރީލަންކާގައެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވިޔަފާރިކުރާތާ 3 އަހަރުވެފައިވާ ވިޔަފާރިތަކާއި ކުންފުނިތަކުގެ އަންހެނުންނަށް ކަމަށް ވިއެމްއިން ބުނެއެވެ. އަދި މިފަދަ ވިޔަފާރިއެއްގެ 50 އިންސައްތަ ޙިއްސާ އޮންނަ އަންހެން ވިޔަފާރިވެރިންނަށް މި އެވޯޑަށް ކުރިމަތިލެވޭނެކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެ އެވޯޑަށް ރާއްޖޭން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑަށް ވާދަ ކުރުމަށް ހޮވާނީ ވިއެމްއިން އެކުލަވާލާ ޖަޖިންގ ޕެނެލްއަކުން އެންމެ މަތިން މާރކްސް ލިބޭ ފަރާތެކެވެ.

ސާރކް އޮންޓްރޮޕްރަނަރ ވުމަން އޮފް ދަ އިޔަރއަކީ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާއިން މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ އަންހެނުންގެ އަގު ވަޒަންކޮށް، އަންހެނުން މި ދާއިރާގައި ބާރުވެރި ކުރުވުމަށް ސާރކްގެ ފަރާތުން ދޭ އެވޯޑެކެވެ. ސާރކްގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އަފްޣާނިސްތާނު ހިމެނެއެވެ.