ޚަބަރު

ރައީސް ނައިފަރަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފާދިއްޕޮޅު ނައިފަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ނައިފަރު ކައުންސިލާ ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިޔަށް ރާއްވަވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައިފައެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ހާމަކުރައްވައި މިކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ރ. އަތޮޅު ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އުފަން ރަށްކަމުގައިވާ ފާދިއްޕޮޅު ހިންނަވަރަށް ވެސް އިއްޔެ ނުރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތްކުރެއްވިއެވެ.